ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒްގެ އެއްބަނޑު އެއްބަފާ ބޭބޭފުޅު، އަމީރު ބަންދަރު ބިން އަބްދުލްއަޒީޒް އާލް ސުއޫދު އަވަހާރަވެއްޖެއެވެ.

މިކަން ހާމަކޮށްފައިވަނީ ސައުދީ ޝާހީ އާއިލާގެ ކަންކަމާބެހޭ ރޯޔަލް ކޯޓުންނެވެ.

އަމީރު ބަންދަރު ބިން އަބްދުލްއަޒީޒް އާލް ސުއޫދު އަވަހާރަވިއިރު އުމުރުފުޅަކީ 96 އަހަރެވެ.

އަމީރު ބަންދަރު ބިން އަބްދުލްއަޒީޒް އާލް ސުއޫދު އަވަހާރަވީ ހޯމަދުވަހުއެވެ. އަދި އޭނާގެ މައްޗަށް މިރޭ މައްކާގެ މަސްޖިދުލް ހަރަމްގައި ކަށުނަމާދު ކުރުމަށްފަހު ޖަނާޒާވެސް ވަނީ ބާއްވާފައެވެ.

އަމީރު ބަންދަރު ބިން އަބްދުލްއަޒީޒް އާލް ސުއޫދަކީ، ސައުދީ އަރަބިއްޔާގައި ރަސްކަމެއް ގާއިމްކުރެއްވި ރަސްގެފާނު އަބްދުލްއަޒީޒްގެ، މިހާރު ދުނިޔޭގައި ހުންނެވި އެންމެ ދޮށީ ދަރިކަލުންނެވެ.

އަމީރު ބަންދަރު ބިން އަބްދުލްއަޒީޒް އާލް ސުއޫދު އަވަހާރަވި ސަބަބާ ބެހޭގޮތުން ރޯޔަލް ކޯޓުން އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. އާލާސްކަންފުޅާ އުޅުއްވި ކަމެއްވެސް ހާމަކޮށްފައެއް ނުވެއެވެ.

އެހެން ނަމަވެސް، ސައުދީ އަރަބިއްޔާގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާގޮތުން، އަމީރު ބަންދަރު ބިން އަބްދުލްއަޒީޒް އަވަހާރަވީ ވަރަށް ގިނަ އަހަރުތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށްފަހުއެވެ.

ސައުދީ ޝާހީ އާއިލާގައި އެތައްހާސް އަމީރުންނާއި، އަމީރާއިން ތިއްބަވާއިރު އަމީރު ބަންދަރު ބިން އަބްދުލްއަޒީޒަކީ ސައުދީ އަރަބިއްޔާގައި ސިޔާސީ އެއްވެސް މަގާމެއް ފުރުއްވާފައިވާ ބޭފުޅެއް ނޫންކަމަށް ވެއެވެ.

އެހެން ނަމަވެސް، އަމީރު ބަންދަރު ބިން އަބްދުލްއަޒީޒްގެ ފިރިހެން ދެ ދަރިކަލަކު ގެންދަވަނީ ސައުދީ ސަރުކާރުގެ އިސް މަގާމުތައް ފުރުއްވަމުންނެވެ.

ވެރިރަށް ރިޔާޟްގެ ގަވަރްނަރް އަމީރު ފައިސަލް ބިން ބަންދަރަކީ އަމީރު ބަންދަރު ބިން އަބްދުލްއަޒީޒްގެ ދަރިކަލެކެވެ. ސައުދީ ނޭޝަނަލް ގާޑުގެ ވެރިޔާ އަމީރު އަބްދުﷲ ބިން ބަންދަރަކީވެސް އޭނާގެ ދަރިކަލެކެވެ.