ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދުވަސްވަރު ތަރައްގީކޮށްފައިވާ ރަސްރަނި ބަގީޗާގެ ނަން، އަލުން ސަލްޓަންޕާކުގެ ނަމަށް ބަދަލުކުރުމާއި ގުޅިގެން ކުރީގެ ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިއްޒު އެކަމަށް ފާޑުވިދާޅުވެއްޖެއެވެ.

ރަސްރަނި ބަގީޗާގެ ނަން ސަލްޓަން ޕާކަށް ބަދަލުކުރަން މާލެ ސިޓީ ކައުންސިލުން ފާސްކޮށްފައިވަނީ ޖެނުއަރީ މަހުގެ 2ވަނަ ދުވަހުއެވެ. އަދި އެ ނިންމުމާއި އެއްގޮތަށް އިއްޔެވަނީ ރަސްރަނި ބަގީޗާގެ ނަން، ސަލްޓަންޕާކުގެ ނަމަށް ބަދަލުކޮށްފައެވެ. ރަސްރަނި ބަގީޗާގެ ނަން ސަލްޓަން ޕާކްގެ ނަމަށް ބަދަލުކުރަން ނިންމީ ކަލްޗަ އެންޑް ހެރިޓޭޖް މިނިސްޓްރީގެ ލަފާ ހޯދުމަށް ފަހު އެ ޕާކަކީ ރާއްޖޭގެ ތާރީހާ ގުޅުން ހުރި ވަރަށް މުހިއްމު ތަނަކަށްވާތީ ކަމަށްވެސް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

އެ ނިންމުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ޑރ މުއިއްޒު ވަނީ ރަސްރަނި ބަގީޗާގެ ނަން، ސަލްޓަންޕާކަށް ބަދަލުކުރީ ކޮން ތާރީޚެއް އާލާކުރަންތޯ ސުވާލުކުރައްވާފައެވެ. އަދި ނަމާއެކު، ކުރިން އެތަން އޮތް ގޮތަށް ބަދަލުކުރަންވީނޫތޯވެސް ޑރ މުއިއްޒު ވަނީ ސުވާލުކުރައްވާފައެވެ.

މުއިއްޒު އެ އިޝާރާތްކުރައްވަނީ ރައީސް އަބްދުﷲ ޔާމީންގެ ދުވަސްވަރު، ސަލްޓަންޕާކު ވަރަށް ބޮޑަށް ރީތިކޮށް، ހިތްފަސޭހަ ތަނަކަށް ހެދުމުގެ ކުރިން އެތަންއޮތް ގޮތަށެވެ.

މުއިއްޒު ވިދާޅުވީ ދިވެހިބަހާއި، ތަނުގެ ތާރީޚު ބޮޑަށް އާލާކުރެވޭނީ ދިވެހި ނަމަކުންކަމަށް ވިދާޅުވެ، ރަސްރަނި ބަގީޗާގެ ނަން، ސަލްޓަންޕާކަށް ބަދަލުކުރިކުރުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.