މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިޚް އިލްޔާސް ހުސައިނަށް، މެލޭޝިއާގައި ހުންނަ އެމްބަސީން ރަމްޒީ މަގާމެއް ހަމަޖައްސައިފިއެވެ.

އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި ޝައިޚް އިލްޔާސަށް ސަރުކާރުން ދެއްވާފައިވާ މަގާމަކީ ކައުންސެލަ ޓް ދަ އެމްބެސެޑަރުގެ މަގާމެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ، ޝައިޚް އިލްޔާސަށް މެލޭޝިއާގައި ހުންނަ އެމްބަސީން މަގާމެއް ހަމަޖައްސައިދިންނަމަވެސް އެއީ ރަމްޒީ މަގާމެއްކަމަށެވެ. އެހެންކަމުން މަގާމުގެ ސަބަބުން އެއްވެސް މުސާރައެއް އަދި އިނާޔަތެއް ޝައިޚަށް ލިބިވަޑައިނުގަންނަވާނެކަމަށެވެ.

ދީނީ އިލްމުވެރިޔާ އައްޝައިޚް އިލްޔާސް، އާއިލާގެ ބޭފުޅުންނާއެކު މެލޭޝިޔާގައި ދިިރިއުޅުއްވަމުން ގެންދަވާތާ އަހަރުތަކެއް ވަނީ ފާއިތުވެފައެވެ. ޝައިޚް އިލްޔާސް ގެންދަވަނީ މެލޭޝިޔާގައި ޕީއެޗްޑީއަށް ކިޔަވާ ވިދާޅުވަމުންނެވެ.

ދިވެހިންގެ މެދުގައި އެންމެ މަގުބޫލު އިލްމުވެރިއަކީ ޝައިޚް އިލްޔާސް ހުސައިނެވެ. ޝައިޚް ގެންދަވަނީ ރާއްޖޭގެ ރައްޔިތުން ދީނީގޮތުން ހޭލުންތެރިކުރުވަން ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މީގެ އިތުރުން ސިޔާސީ މައްސަލަތަކާއި ގުޅޭގޮތުންވެސް، ދީނީ ނަޒަރަކުން ޝައިޚް އިލްޔާސް ގެންދަވަނީ ވާހަަކަފުޅު ދައްކަވަމުންނެވެ.

ނިމިދިޔަ ސަރުކާރުގައި ހިނގަމުންދިޔަ ކަންކަމާއި ދެކޮޅަށް ޝައިޚް އިލްޔާސް ވަރަށް ފާޅުގައި ފާޑުވިދާޅުވެފައިވާއިރު، ރައީސް ސޯލިހް ވެރިކަމަށް ގެނައުމަށް އިލްޔާސް ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. އަދި މިހާރު ފެންނަމުންދާ ނުރަނގަޅު ކަންކަމާއި ގުޅޭގޮތުންވެސް ޝައިޚް ގެންދަވަނީ ފާޅުގައި ބަސްފުޅު ވިދާޅުވަމުންނެވެ.