ސްޕެއިންގެ ކުޅިވަރު ހަބަރުތައް ގެނެސްދޭ ނޫހެއް ކަމަށްވާ މަރކާ އިން ދޭ އެންމެ ޝަރަފްވެރި އެވޯޑު ކަމަށްވާ މަރކާ ލެޖެންޑް އެވޯޑު އިޓަލީގެ ޔުވެންޓަސްއަށް ކުޅެމުން އަންނަ ކްރިސްޓިއާނޯ ރޮނާލްޑޯއަށް ލިބިއްޖެ އެވެ.

މި އެވޯޑަކީ ފުޓުބޯޅަ ހަޔާތުގައި ހޯދާފައިވާ ކާމިޔާބީތަކާއި އެ ކުޅުންތެރިއެއްގެ ކުޅިވަރު ތާރީހަށް ބެލުމަށްފަހު ދެވޭ އެވޯޑެކެވެ.

މި އެވޯޑު ރޮނާލްޑޯއަށް ދީފައިވަނީ އޭނާ ކުރިން ކުޅުނު ކުލަބް ކަމަށްވާ ރެއާލް މެޑްރިޑް ނިސްބަތްވާ ސްޕެއިންގެ މެޑްރިޑްގަ އެވެ.

އެވޯޑާ ހަވާލުވުމަށްފަހު ވާހަކަދައްކަމުން ރޮނާލްޑޯ ބުނީ މިއީ ވަރަށް އުފާވެރި ވަގުތުކޮޅެއް ކަމަށާއި މި އެވޯޑަކީ އޭނާއަށް ވަރަށް ހާއްސަ އެވޯޑެއް ކަމަށެވެ. އަދި ޓްރޮފީތައް ބަހައްޓާ ކެބިނެޓްގައި މި އެވޯޑަށް ހާއްސަ ޖާގައެއް ދީފައިވާ ކަމަށްވެސް ރޮނާލްޑޯ ވަނީ ފާހަގަކޮށްފަ އެވެ. އަދި އެނބުރި މެޑްރިޑަށް އައުމުން ތަފާތު އިހުސާސެއް ކުރެވުނު ކަމަށާއި މެޑްރިޑަކީ މިހާތަނަށް ދިރިއުޅުނު އެންމެ ރީތި އެއް ސިޓީ ކަމަށްވެސް ބުންޏެވެ.

ރޮނާލްޑޯ ބުނީ މި އެވޯޑު އޭނާއަށް ލިބުނީ ގިނަ ބައެއްގެ މަސައްކަތުން ކަމަށާއި މި ރަސްމިއްޔާތުން ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ފެނުމުން ވަރަށް އުފާވެރި އިހުސާސްތަކެއް ކުރެވުނު ކަމަށެވެ.

ރެއާލް މެޑްރިޑްގައި 10 އަހަރު ހޭދަކުރި ރޮނާލްޑޯ އެ ކުލަބާއެކު ހަތަރު ޗެމްޕިއަންސް ލީގު އަދި ދެ ލަލީގާގެ އިތުރުން ދެ ކޮޕަ ޑެލްރޭ ހޯދާފައިވެ އެވެ. އަދި ރެއާލަށް ކުޅެދިން 438 މެޗުން 450 ލަނޑު ކާމިޔާބުކޮށްދީފައިވެ އެވެ.