ސްޕެއިންގެ އެންމެ ކާމިޔާބު ކުލަބުތަކުގެ ތެރޭގައި ހިމެނޭ ބާސެލޯނާއަށް މިދިޔަ ސީޒަންގައި ރެކޯޑު މިންވަރަކަށް އާމްދަނީ ލިބުނު ނަމަވެސް މިދިޔަ އަހަރާއި އަޅާބަލާއިރު ލިބުނު ފައިދާ ދަށްވެއްޖެ އެވެ.

ބާސެލޯނާއިން އާންމުކުރި އެ ކުލަބުގެ އަހަރީ އާމްދަނީގެ ތަފްސީލުތަކުގައިވާ ގޮތުން ނިމުނު ސީޒަންގެ އާމްދަނީ ގޮތުގައި ބާސެލޯނާއަށް 990 މިލިއަން ޔޫރޯ ނުވަތަ 1.1 ބިލިއަން ޑޮލަރު ޑޮލަރު ވަނީ ލިބިފަ އެވެ. އާމްދަނީ ލިބުނުއިރު މިއީ އެ ކުލަބުން ހިތްހަމަޖެހޭ ވަރުގެ އާމްދަނީއެއް ކަމަށްވެސް ވަނީ ބުނެފަ އެވެ.

ޓެކްސް ހަރަދަށް ނުކަނޑާ ފައިދާގެ ގޮތުގައި 19 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށްވެް ބާސެލޯނާއިން ވަނީ ހާމަކޮށްފަ އެވެ. މިދިޔަ ސީޒަންގައި ބާސެލޯނާއަށް ލިބުނީ 22 މިލިއަން ޑޮލަރުގެ ފައިދާ އެކެވެ.

ބާސެލޯނާއިން ބުނީ ކްލަބަށް ރެކޯޑު އަދަދެއްގެ އާމްދަނީއެއް ލިބިފައިވާ ކަމަށާއި އަދި ބަޖެޓްކުރި ވަރަށްވުރެ އިތުރަށް 30 މިލިއަން ޔޫރޯ ލިބުނު ކަމަށެވެ. އަދި ޕްލޭނަކީ 2021 ނިމޭއިރު އާމްދަނީގެ ގޮތުގައި 1000 މިލިއަން ޔޫރޯ ކްލަބަށް ލިބުން ކަމަށް އެ ކުލަބުން ބުނެއެވެ.

މިއަހަރުގެ ފުޓުބޯޅަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ބާސެލޯނާއިން ވަނީ މިހާތަނަށް ބޮޑެތި ހަރަދުތަކެއް ކޮށްފަ އެވެ. އެގޮތުން ކުލަބުގެ އާމްދަނީ އިތުރުކުރުމަށް އެ ކްލަބުން ޕޮލީނިއޯ، ޔެރީ މިނާ، ސިލެސަން، ޑިގްނޭ އަދި ގޮމޭޒް ވަނީ ވިއްކާލާފަ އެވެ. މި ކުޅުންތެރިން ވިއްކާލުމަށްފަހު އެ ކުލަބަށް ގެނައި ކުޅުންތެރިންގެ ތެރޭގައި ފްރެންކީ ޑިޖޮން އަދި އެންޓޮއިން ގްރިޒްމަން ހިމެނެ އެވެ. މި ދެ ކުޅުންތެރިންވެސް އެ ކުލަބަށް ގެނައީ ބޮޑު ހަރަދުގަ އެވެ.

ރިޕޯޓުތައް ބުނާގޮތުން ކުރިއަށްހުރި ދުވަސްތަކުގެ ތެރޭގައި އިތުރު ކުޅުންތެރިންތަކެއް ބާސެލޯނާއާއި ގުޅޭނެ އެވެ.