ހިންދޫންގެ ކަލާނގެ މަތިވެރިކޮށް "ޖެއި ޝްރީ ރާމް" އޭ ނުގޮވައިގެން އިންޑިއާގެ ބަޔަކު އުމުރުން 15 އަހަރުގެ މުސްލިމް ފިރިހެން ކުއްޖެއްގެ ގައިގައި އަލިފާން ރޯކޮށްލައިފިއެވެ.

އެމީހުން މުސްލިމް ފިރިހެން ކުއްޖާގެ ގައިގައި ރޯކޮށްލާފައިވަނީ މިދިޔަ ހުކުރު ދުވަހު ނަމަވެސް، މިކަން މީޑިއާއިން ރިޕޯޓްކޮށްފައިވަނީ އިއްޔެއެވެ.

މިހާދިސާ ހިނގާފައިވަނީ އިންޑިއާގެ އުއްތަރް ޕްރަދޭޝްގެ ޗަންދައުލީ ޑިސްޓްރިކްޓްގައެވެ.

ހިންދޫ ފިރިހެނުންގެ ބޮޑު ގްރޫޕަކުން އަލިފާން ރޯކޮށްލުމުގެ ސަބަބުން ލިބުނު އަނިޔާތަކަށް އެކުއްޖާއަށް މިހާރު ގެންދަނީ ވަރަނާސީގެ ކަބީރު ޗައުރާ ހޮސްޕިޓަލްގައި ފަރުވާދެމުންނެވެ.

އެ ފިރިހެން ކުއްޖާ ހޮސްޕިޓަލްގެ އެނދުގައި އޮވެ ބުނީ، ހަތަރު ފިރިހެނުންގެ ގްރޫޕަކުން އޭނާ ކިޑްނެޕްކުރީ ދުދާރީ ބްރިޖުން ހިނގާފައި ދަނިކޮށް ކަމަށެވެ.

އޭގެފަހުން، އޭގެ ތެރެއިން ދެމީހަކު އޭނާގެ ދެއަތް އެއްސީ ކަމަށާއި، ތިންވަނަ މީހާ އޭނާގެ ގަޔަށް ކަރާސީނު ތެޔޮ އަޅައި އޭނާގެ ގައިގައި އަލިފާން ރޯކޮށްލީ ކަމަށެވެ. އަލިފާން ޖެހުމަށްފަހު އެމީހުން ދުވެފައި ފިލީ ކަމަށްވެސް އެކުއްޖާ ބުނެފައިވެއެވެ.

އެމީހުން އޭނާއަށް މަޖުބޫރުކުރީ "ޖެއި ޝްރީ ރާމް" އޭ ގޮވުމަށް ކަމަށްވެސް އެ ކުއްޖާ ބުނެފައިވެއެވެ.

އެ ކަމަކު، އެ ކުއްޖާގެ މި ވާހަކަތައް ފުލުހުންވަނީ ދޮގުކޮށްފައެވެ. ޗަންދުއާލީގެ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ސަންތޯޝް ކުމާރު ސިންގް ވިދާޅުވީ، އެ ކުއްޖާ އެކި މީހުންގެ ކައިރީގައި އެ ވާހަކަ ދައްކާފައިވަނީ އެކި ގޮތަށް ކަމަށެވެ.

އިންޑިއާގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ސަންތޯޝް ވިދާޅުވީ، އެ ކުއްޖާ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައިވަނީ ގައިގެ ސާޅީސް އިންސައްތަ ފިހިގެން ކަމަށެވެ. އަދި އޭނާ އެކިގޮތަށް ވާހަކަ ދައްކާތީ އެކަން ހިނގާދިޔަ ގޮތާމެދު ޝައްކު އުފެދޭ ކަމަށްވެސް ސަންތޯޝް ވިދާޅުވިއެވެ.

އަދި ހާދިސާ ހިނގިކަމަށް އެ ކުއްޖާ ބުނާ ހިސާބުގެ ސީސީޓީވީ ފުޓޭޖްވެސް ބަލައިފި ކަމަށާއި، އެއިން އެއްވެސް ފުޓޭޖަކުން އެފަދަ މަންޒަރެއް ނުފެންނަ ކަމަށްވެސް ފުލުހުންގެ ސުޕްރިންޓެންޑެންޓް ވިދާޅުވިއެވެ. އަދި މަންޒަރު ދުށްކަމަށް ބުނާ ބައެއް މީހުންނާ ހަވަލާދީ ފުލުހުން ބުނެފައިވަނީ، އެކުއްޖާ ގައިގައި އަލިފާން ރޯކޮށްލީ އަމިއްލައަށް ކަމަށެވެ.

އެކަމަކު، ހޮސްޕިޓަލްގައި ފަރުވާ ހޯދަމުންދާ ކުއްޖާގެ އާއިލާއިން ފުލުހުންގެ ވާހަކަތައް ދޮގުކުރެއެވެ.

އިންޑިއާގެ އެކި ހިސާބުތަކުގައި މިބާވަތުގެ ހާދިސާތައް ދަނީ ހިނގަމުންނެވެ. ހިންދޫން މުސްލިމުންނަށް ހަމަލާ ދެމުންގެންދަނީ "ޖެއި ޝްރީ ރާމް" އޭ ނުކިޔައިގެންނެވެ. މިކަން މިހާރު އިންޑިއާގައި ވަނީ ވަރަށް ބޮޑު މައްސަލައަކަށް ވެފައެވެ.

މި ޖުލައިމަހުގެ 21 ވަނަ ދުވަހުވެސް މަހާރޝްތްރާ ސްޓޭޓްގެ އައުރަންގްއާބާދު ސިޓީގައިވެސް މިފަދަ ހާދިސާއެއް ހިނގާފައިވެއެވެ.

ޖޫން 18 ވަނަދުވަހު ހިންދޫންގެ ގްރޫޕަކުން ތަޅައި އަނިޔާކުރި ތަބްރޭޒް އަންސާރީ، އޭގެ ހަތަރު ދުވަސްފަހުންވަނީ ހޮސްޕިޓަލްގައި މަރުވެފައެވެ. އެއީވެސް ހިންދޫންގެ ކަލާނގެ މަތިވެރިނުކޮށްގެންދިން ހަމަލާއެކެވެ.