އީރާނާއި ސައުދީ އަރަބިއްޔާއާ ދެމެދު އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކާއި، މައްސަލަތަކަށް މަޝްވަރާކޮށްގެން ހައްލު ހޯދުމަށް ތައްޔާރަށް އޮތް ކަމުގައި އީރާނުން ބުނެފިއެވެ.

ކޮންމެ ހަފްތާއަކު ބާއްވާ ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން، އީރާނު ޚާރިޖިއްޔާގެ ތަރުޖަމާނު އައްބާސް މޫސަވީ ވިދާޅުވީ، ދެގައުމުގެ ދެމެދުގައި އުފެދިފައިވާ މައްސަލަތައް މަޝްވަރާކޮށްގެން ހައްލުކުރުމަށް ސައުދީ އޮފިޝަލުންގެ ފަރާތުން ލިބޭ އިޝާރާތަކަށް އީރާނުން މަރްހަބާ ކިޔާނޭ ކަމަށެވެ.

އިސްލާމީ ގައުމުތަކުގެ މެދުގައި ޖެހޭ މައްސަލަތައް އެއްވެސް ޝަރުތަކާ ނުލައި މަޝްވަރާކޮށްގެން ހައްލު ހޯދުމަކީ އީރާނުން އަބަދުވެސް ގޮވާލަމުންދާ ކަމެއް ކަމަށާއި، އަވަށްޓެރި ގައުމުތައް، ޚާއްސަކޮށް އިސްލާމީ ގައުމުތަކުގެ މެދުގައި އުފެދިފައިވާ ތަފާތުތައް ނައްތާލުމަށް އަޅާ ކޮންމެ ފިޔަވަޅަކަށް އީރާނުން މަރްހަބާ ކިޔާނޭ ކަމަށްވެސް މޫސަވީ ވިދާޅުވިއެވެ.

އީރާނުން މިކަން ހާމަކުރި ނަމަވެސް، އީރާނު ބަލިކަށިކޮށް ނިކަމެތިކޮށްލުމަށް އެމެރިކާއާއި ގުޅިގެން ސައުދީ އަރަބިއްޔާއިން ގެންދަނީ ގަދައަޅައި މަސައްކަތް ކުރަމުންނެވެ.

ސައުދީ އަރަބިއްޔާގެ އިމާ ޖެހިގެން އޮންނަ ޔަމަނުގައި އޮތް އަބްދު-ރައްދު ހާދީ މަންސޫރުގެ ވެރިކަން ހޫޘީން ވައްޓާލައި ޔަމަނުގެ މައްޗަށް އަތްގަދަ ކޮށްގެން ތިބިއިރު، ހޫޘީން ބަލިކުރުމަށް ސައުދީ އަރަބިއްޔާއިން ދަނީ އަރަބި އަސްކަރީ ކޯލިޝަނެއް ހަދައިގެން ޔަމަނުގެ އެތަން މިތަނަށް ބޮންއަޅައި، މުޅި ޔަމަނު ސުންނާފަތި ކުރަމުންނެވެ.

ސައުދީ އަރަބިއްޔާއިން ޔަމަނުގެ ހޫޘީންނަށް ހަމަލާތައް ދެމުންގެންދާތާ ހަތަރު އަހަރު ވެފައިވާއިރު، ހޫޘީންނަށް ހަތިޔާރާއި މަދަދު ދެމުން ގެންދަނީ އީރާނުން ކަމަށް ސައުދީ އަރަބިއްޔާއިން ގެންދަނީ ބުނަމުންނެވެ.