ޕާކިސްތާނުގައި އަސްކަރީ މަތިންދާ ބޯޓެއް ވެއްޓި، 18 މީހުން މަރުވެއްޖެއެވެ.

އަސްކަރީ މަތިންދާ ބޯޓް ވެއްޓުނީ ރާވަލްޕިންޑީގައި ތަމްރީނު ދަތުރެއްގައި އުޅެނިކޮށެވެ.

މަތިންދާ ބޯޓް ވެއްޓުނީ ފަތިހުގެ ވަގުތުގައި ކަމުން، ބޯޓް ބިންމަތީގައ ޖެހުމާއެކު ގޮވައި އަލިފާންގަނޑު ބޯޅައެއްހެން މައްޗަށް އަރައިގެންދިޔަ ކަމަށާއި، މުޅި ޖައްވު އަލިވެގެންދިޔަ ކަމަށް މަންޒަރުދުށް މީހުން ބުނެފައިވެއެވެ.

މިހާދިސާ ބޯޓް ވެއްޓިފައިވަނީ ރާވަލްޕިންޑީގެ ރަށްބޭރުން މޯރާ ކާލޫ އަވަށުގައި މީހުން ދިރިއުޅޭ ސަރަހައްދަކަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިހާދިސާގައި އާންމުންގެ ގެތަކުގެ މައްޗަށް ބޯޓް ވެއްޓުމުގެ ސަބަބުން ގިނައިން މަރުވެފައިވަނީ އާންމުންނެވެ.

މިހާދިސާއާ ގުޅިގެން ޕާކިސްތާނު ސިފައިންނާއި، ފުލުހުން މިހާރު ގެންދަނީ އެ ސަރަހައްދު ބަންދުކޮށް، ވެއްޓުނު ބޯޓްގެ އެކި ބައިތައް ހުރި ދިމަދިމާ ބަލަމުންނެވެ.

މީހުން ސަލާމަތްކުރާ ޓީމުގެ ތަރުޖަމާނު ފާރޫގް ވިދާޅުވީ، ބޯޓް ވެއްޓުނު ހާދިސާގައި އާންމުންގެ 13 މީހުންނާއި، ފަސް ކްރޫ މެމްބަރުން މަރުވެފައިވާ ކަމަށާއި، މަރުވި މީހުންގެ ހަށިތައް މިހާރު ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ވެއްޓުނު ބޯޓުގެ ޕައިލެޓުންގެ ހަށިތައްވެސް ހިމެނެއެވެ.

އެމީހުންގެ ހަށިތައް ވަރަށް ބޮޑަށް އަނދާފައިވާތީ އެއީ ކޮން ބައެއްކަން ދެނެގަތުމަށް ޑީއެންއޭ ޓެސްޓް ހަދާނޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މަރުވި މީހުންގެ ތެރޭގައި ކުޑަކުދިންވެސް ހިމެނޭ ކަމަށާއި، މިހާދިސާގައި އިތުރު 12 މީހަކު ޒަޚަމްވެފައިވާ ކަމަށްވެސް ތަރުޖަމާނު ވިދާޅުވިއެވެ.

މޯރާ ކާލޫ އަވަށުގެ ބައެއް އާންމުން ބުނެފައިވަނީ، ފަތިހުގެ ވަގުތުގައި އެމީހުންނަށް ހޭލެވުނީ ބާރުގަދަ އެއްޗެއް ގޮވިއަޑު އިވިގެން ކަމަށާއި، ބޭރަށް ނުކުތްއިރު އަނދަމުންދިޔަ މަތިން ބޯޓްގެ ބައިތައް ގެ ކައިރީގެ އެކި ސަރަހައްދުތަކަށް ބުރައިގެންފައި ވަނިކޮށް ފެނުނު ކަމަށެވެ.

މިހާދިސާގައި އެއް އާއިލާއެއްގެ ހަތް މެމްބަރުން މަރުވެފައިވެއެވެ.

މުހަންމަދު މުސްތަފާ ނަމަކަށްކިޔާ މީހަކު ބުނެފައިވަނީ، އޭނާގެ އަންހެން ކޮއްކޮއާއި، ކޮއްކޮގެ ފިރިމިހާއާއި އެ ދެމަފިރިންގެ ތިންކުދިން ނިދާފައި ތިއްބައި ވެއްޓުނު ބޯޓު ގޭގެ މަތީގައި ޖެހުމުގެ ސަބަބުން އެ އެންމެން މަރުވެފައިވާ ކަމަށެވެ. ބޯޓް ޖެހުމުގެ ސަބަބުން މުޅި ގެ ފުނޑުފުނޑުވެފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.

ޕާކިސްތާނު އަސްކަރިއްޔާއިން ބުނެފައިވަނީ، ވެއްޓުނު މަތިންދާ ބޯޓް އުދުހެމުންދިޔައީ އާދައިގެމަތިން ތަމްރީނު ދަތުރެއްގައި ކަމަށެވެ. ނަމަވެސް، ބޯޓް ވެއްޓުނު ސަބަބާ ބެހޭގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.