ސޫތްޕަކީ ގިނަ ބަޔަކު ފަކުރު ގަންނަ އެއްޗެކެވެ. އެ ތަކެތީގެ ނުސާފުކަމާއި، ހަޑިކަމާއިމެދު ހިތުގައި އުފެދޭ ނުރުހުމާއި ހިތްހަމަނުޖެހުމެއްގެ ސަބަބުންނެވެ. ނަމަވެސް، މި ނަޒަރިއްޔާތު ބަދަލުކޮށްލުމުގެ މަސައްކަތް ދެކުނު އެފްރިކާގޭ ކޭޕް ޓައުންއަށް ނިސްބަތްވާ އައު ކުންފުންޏަކުން މިވަނީ ފަށާފައެވެ. "ގޯމޭ ގްރަބް"ގެ ނަން ދީފައިވާ މި ކުންފުނީގެ މަޤްސަދަކީ، މީހުން ސޫފާސޫތްޕާއިމެދު ދެކޭ ގޮތް ބަދަލުކޮށްލުމެވެ.

އެ ފަރާތުން މި މަސައްކަތް ކުރަނީ، ގިނަ ބަޔަކަށް ކަމުދާ އެއްޗެއް ކަމަށްވާ އައިސް ކްރީމް ބޭނުންކޮށްގެންނެވެ. ސޫފާސޫތްޕަކީ އާންމު ގޮތެއްގައި ކެއުމުގައި ބޭނުންކުރާ އެއްޗަކަށް ބަދަލުކުރުމަށް މަސައްކަތް ފަށައި، ސޫފާސޫފި ބޭނުންކޮށްގެން އައިސް ކްރީމް އުފެއްދުމުގެ މަސައްކަތް އެ ކުންފުނިން ފަށާފައިވަނީ "އެންޓޯމިލްކް" ކިޔާ އެއްޗެއް ބޭނުންކޮށްގެންނެވެ. މިއީ، އާންމުކޮށް ބޭނުންކުރާ ގެރި ކިރުގެ ބަދަލުގައި، ސޫތްޕެއް ކަމަށްވާ "ބްލެކް ސޯލްޖަރ ފްލައި"ގެ ބިސް ބޭނުންކޮށްގެން އުފައްދާ ކިރެކެވެ.

ދުނިޔޭގެ އާބާދީ އިތުރުވަމުންދާ ހަލުވިމިނާއި އަޅާ ބަލާއިރު، ކާބޯތަކެތި އުފައްދާ މިންވަރު ދުވަހެއް ދުވަހަކަށް މިދަނީ މަދުވަމުންނެވެ. އެހެންކަމުން، 2050 ވަނަ އަހަރު ކުރީން ކާބޯތަކެތި އުފައްދާ މިންވަރު ދެގުނައަށް އިތުރުކުރާން ޖެހޭނެ ކަމަށް އދއިންވެސް ޤަަބޫލު ކުރެއެވެ. އަދި، އެ ފަރާތުންވެސްދަނީ، "ޕްރޮޓީން" ގިނަ މިންވަރަކަށް ހިމެނޭ ސޫފާސޫތްޕަކީ، ކެއުމުގައި އާންމު ގޮތެއްގައި ބޭނުންކުރާ އެއްޗަކަށް ހެދުމަށް ބާރު އަޅަމުންނެވެ.

"އަހަރެމެންގެ މަޤްސަދަކަށްވީ، ސޫފާސޫތްޕާއިމެދު މީހުންގެ ނަޒަރިއްޔާތު، ނުވަތަ މިހާރު މީހުން ދެކޭ ގޮތް މުޅީން ބަދަލުކޮށްލުން،" ގޯމޭ ގްރަބްގެ އެއް ބާނީ ކަމާށްވާ ލިއާ ބެސާ ބުންޏެވެ. ސޫފާސޫފީގެ 1،900 ވައްތަރެއް މިހާރުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކެއިންބުއިމުގައި ބޭނުން ކުރެއެވެ. ނަމަވެސް، މިއީ ހުޅަނގުގެ ޤައުމަކަށް ބަލައިލާއިރު، ކެއުމުގައި އާންމު ގޮތެއްގައި ބޭނުންކުރާ އެއްޗެއް ނޫނެވެ.

"އަހަރެމެންގެ މަޤްސަދު ހާސިލު ކުރުމަކީ ވަރަށްވެސް ދަތި ކަމަކަށް ވާނެ. ނަމަވެސް، މިހާރުވެސް ގިނަ އަދަދެއްގެ ބަޔަކު ދަނީ އަހަރެމެންގެ އައިސް ކްރީމް ކަމުދާ ކަމަށް ބުނަމުން. އެހެންވީމަ، މިކަން ހާސިލް ކުރެވިދާނެހެން ހީވަނީ. ސަބަބަކީ، އެންމެންނަކީވެސް އައިސް ކްރީމްއަށް ލޯބިކުރާ ބައެއް،" ބެސާ އިތުރަށް ބުންޏެވެ. ގޯމޭ ގްރަބްއިން ސޫފާސޫފި ބޭނުންކޮށްގެން އުފައްދާ އައިސް ކްރީމްގެ ރަހަތަކުގެ ތެރޭގައި ޗޮކޮލެޓް، ޕީނަޓް ބަޓަރ، އަދި ކްރިސްމަސް ސްޕައިސް ކިޔާ ރަހައެއް ހިމެނެއެވެ. ކޮންމެއަކަސް، މި ވައްތަރުގެ އައިސް ކްރީމް ސަޅިވާނެ ކަމަށް ޤަބޫލްކުރެވޭތޯ؟