މިއީ އަވަށްޓެރި އިންޑިއާގައި ދާދިފަހުން ހިނގި ހާދިސާއެކެވެ. 20 އަހަރުގެ ޒުވާނެއް ކަމަށްވާ މުޙައްމަދު ފުރްޤާންގެ ޖަނާޒާ ކުރިއަށްދަނީއެވެ. އޭނާ ވަޅުލުމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ކުރަމުންދަނީއެވެ. އޭނާގެ ހަށިގަނޑު ކައިރީގައި އޭނާގެ ޢާއިލާގެ މެމްބަރުންނާއި، ގާތްތިމާގެ މީހުންނާއި ރަހުމަތްތެރިން ތިއްބެވެ. އެންމެންވެސް، އޭނާ މަރުވުމުން އެކަމުގެ ހިތާމަ ފާޅުކުރަނީއެވެ.

ނަމަވެސް، ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ކަންތައްތައް މުޅީން ބަދަލުވެއްޖެއެވެ. އޭނާގެ ހަށިގަނޑު ކައިރީގައި ތިބި މީހުންނަށް ލިބުނީ ބޮޑު ހައިރާން ކަމެކެވެ. ސަބަބަކީ، މަރުވެފައިވާ ކަމަށް އޭގެ އެތައް ގަޑިއިރެއް ކުރީން ޑޮކްޓަރުން ނިންމާފައިވާ ފުރުޤާން، ނޭވާލާން ފެށުމެވެ. އަދި، ހަށިގަނޑުގެ ގުނަވަންތައް ހަރަކާތްކުރާން ފެށުމެވެ. އެންމެންނަށްވެސް ލިބުނީ ކުއްލި ސިހުމެކެވެ.

ބަލާކަށް ނުތިބެ، އޭނާ ނަގައިގެން ވަގުތުން ހޮސްޕިޓަލަށް ގެންދިޔައެވެ. އަދި، ހޮސްޕިޓަލުން އޭނާ ވަގުތުން ވެންޓިލޭޓަރަކާއި ގުޅައި، ނޭވައިލުމަށް އެހީތެރިވެދޭނެ ގޮތްތައް ހެދިއެވެ.

މިހިސާބުން، މި ވާހަކައިގެ އާދަޔާއި ޚިލާފުކަމަށް ނިމުމެއް އައީއެއް ނޫނެވެ. ފުރުޤާން މަރުވި ގޮތްވެސް އެބަ ބަލައިލާން ޖެހެއެވެ. އޭނާއަކީ، މިދިޔަ ޖޫންމަހު ހިނގި މަގުމަތީގެ އެކްސިޑެންޓެއްގައި ވަރަށް ބޮޑު އަނިޔާއެއް ލިބުނު މީހެކެވެ.

އޭނާ ފަރުވާ ދިނުމަށް ގެންގޮސްފައިވަނީ އަމިއްލަ ފަރާތަކުން ހިންގާ ހޮސްޕިޓަލަކަށެވެ. އެކްސިޑެންޓާއި ގުޅިގެން އޭނާ އޮތީ ކޯމާއެއްގައެވެ. އެ ހޮސްޕިޓަލުގެ ޑޮކްޓަރުން، ފުރުޤާން މަރުވެފައިވާ ކަމަށް ބުނެފައިވަނީ މިމަހުގެ ކުރީކޮޅުއެވެ.

ހައިރާން ކުރަނިވި ކަމަކީ، ފުރުޤާން މަރުވެފައިވާ ކަމަށް އެ ހޮސްޕިޓަލުގެ ޑޮކްޓަރުން ބުނީ، އޭނާގެ ސިއްހީ ފަރުވާގެ ބިލްތަކަށް ދައްކާނެ ފައިސާއެއް ނެތްކަމަށް ޢާއިލާއިން ހޮސްޕިޓަލުގައި ބުނި ދުވަހުއެވެ.

މި ހާދިސާގެ މަޢުލޫމާތު މިހާރުވަނީ ކަމާއިބެހޭ ފަރާތްތަކާއި ހިއްސާކޮށްފައެވެ. "ކަމާއިބެހޭ އިދާރާތަކުން މިހާރުދަނީ މި ހާދިސާގެ ފުރިހަމަ ތަހުޤީޤެއް ކުރަމުން. ފުރުޤާން މިހާރުވެސް އޮތީ ވަރަށް ބަލި ހާލުގައި. ނަމަވެސް، އަދިވެސް އޭނާ ދުނިޔޭގައި އެބައޮތް. އެހެންކަމުން، އޭނާ ސަލާމަތްކުރެވޭނެ ކަމުގެ އުންމީދު އެބައޮތް. އަދި، މިކަމުގައި އިހުމާލުވި ފަރާތްތަކާއިމެދު ހަރުކަށި ފިޔަވަޅު އަޅާނަން،" އިންޑިއާގެ ލަކްނޯގެ ޗީފް މެޑިކަލް އޮފިސަރ ނަރެންދްރާ އަގަރްވާލް ބުންޏެވެ.