އިންޑިއާގެ އެންމެ ބޮޑު އަދި އެންމެ މަޝްހޫރު ކޮފީ ޗެއިން ކަމަށްވާ "ކެފޭ ކޮފީ ޑޭ" ގެ ޗެއާމަން ގެއްލިގެން ހޯދާން ފަށައިފިއެވެ.

ކެފޭ ކޮފީ ޑޭގެ ޗެއާމަން ވީޖީ ސިދާރްތާ ގެއްލިިފައިވާ ކަމަށް ނިންމައި، އޭނާ ހޯދުމުގެ މަސައްކަތް ފަށާފައިވަނީ، ޖުލައި 29 ވަނަ ދުވަހުން ފެށިގެން އޭނާގެ ޚަބަރެއް ނުވާ \ކަމަށް ކެފޭ ކޮފީ ޑޭގެ މައި ކުންފުނި ކަމަށްވާ ކޮފީ ޑޭ އެންޓަޕްރައިސަސްއިން ފުލުހުންނަށް އެންގުމުންނެވެ.

އެ ކުންފުނިން ބުނީ، ހޯމަ ދުވަހުގެ ހަވީރަށްފަހު ސިދާރްތާއާއި ނުގުޅޭ ކަމަށެވެ. އަދި، އޭނާއަށް ވީނުވީއެއް ނޭނގޭ ކަމަށެވެ.

ފުލުހުން ޤަބޫލް ކުރާ ގޮތުގައި، ސިދާރްތާ ގެއްލިފައިވަނީ އިންޑިއާގެ ދެކުނުގެ ރަށެއް ކަމަށްވާ ބެންގަލޫރުން ފުރައިގެން ކަރްނާޓާކާ ސްޓޭޓްގެ ރަށެއް ކަމަށްވާ މެންގަލޫރަށް ކާރެއްގައި އޭނާ ދަތުރު ކުރަމުން ދަނިކޮށެވެ.

އޭނާ ހޯދުމުގެ މަސައްކަތް ކުރާ ފުލުހުން ބުނީ، ނެތްރަވަތީ ކޯރުގެ އައްސޭރި ފަށުގައިވާ ފާލަމެއްގެ ކައިރީގައި ސިދާރްތާ އޭނާގެ ކާރު ޕާކް ކުރުމަށްފަހު، އެ ކޯރު ކައިރިއަށް ހިނގާފައިވާ ގޮސްފައިވާ ކަމަށެވެ. އެހެންކަމުން، އޭނާ ހޯދުމަށް އިންޑިއާގެ ކޯސްޓްގާޑުންވެސް މިހާރުވަނީ ކޯރުގެ ސަރަހައްދުތައް ބަލާން ފަށާފައެވެ. މިކަމުގައި އެ ސަރަހައްދުގެ މަސްވެރީންވެސް ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ސިދާރްތާ ކޮފީ ޑޭ ހުޅުވާފައިވަނީ 1993 ވަނަ އަހަރުއެވެ. އަދި، ކެފޭ ކޮފީ ޑޭގެ އެންމެ ފުރަތަމަ ކެފޭ އޭގާ 3 އަހަރު ފަހުން ހުޅުވާފައިވަނީ ބެންގަލޫރުގައެވެ. އަދި އެއަށްފަހު، މި ބްރޭންޑްވަނީ އިންޑިއާގެ އެންމެ މަޝްހޫރު އަދި އެންމެ މަޤްބޫލު ކޮފީ ޝޮޕް ޗެއިންގެ މަޤާމު ހޯދާފައެވެ.

އިންޑިއާގެ 254 ރަށެއްގައި، ކެފޭ ކޮފީ ޑޭގެ 1،700 އަށްވުރެ ގިނަ ކޮފީ ޝޮޕްތައް މިހާރު ހުރެއެވެ. ކެފޭ ކޮފީ ޑޭއާއި އެންމެ ވާދަވެރި، އަދި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ސްޓާބަކްސް ކުންފުނީން އިންޑިއާގައި ހިންގަނީ އެންމެ 146 ކޮފީ ޝޮޕެވެ.