އެންމެ 24 ގަޑިއިރުގެ ތެރޭގައި 1،000 އަށްވުރެ ގިނަ މީހުންނަށް ބަންގްލަދޭޝްގައި ޑެންގީ ހުން ޖެހިއްޖެއެވެ.

ބަންގްލަދޭޝްގައި ޑެންގީޖެހޭ މިންވަރު ރެކޯޑް މިންވަރަކަށް އިތުރުވެފައިވާއިރު، މި ނުރައްކާތެރި ބަލީގެ ޝިކާރައަކަށް ވެފައިވާ މީހުންގެ ތެރޭގައި ގިނައީ ކުޑަކުދީންނެވެ.

ތަފާސްހިސާބުތަކަށް ބަލައިލާއިރު، މި ބަލީގައި ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް އަށް މީހަކު ވަނީ މަރުވެފައެވެ.

މި އަހަރުގެ މިހާތަނަށް ބަލައިލާއިރު، 13،600 އަށްވުރެ ގިނަ މީހުންނަށް ޑެންގީ ހުން ޖެހިފައިވާކަން ރެކޯޑް ކުރެވިފައިވެއެވެ. މީގެ ތެރެއިން 8،348 މީހުންނަށް ޖެންގީ ޖެހިގެން ރިޕޯޓްކޮށްފައިވަނީ ޖުލައި މަހުގެ ތެރޭގައެވެ. ޖޫން މަހަށް ބަލައިލާއިރު، ޑެންގީ ޖެހިގެން ރިޕޯޓްކޮށްފައިވާ އަދަދު ރެކޯޑް ކުރެވިފައިވަނީ 1،820 ގައެވެ. އަދި އޭގެ ކުރީން ހުސްވި މެއިމަހު ރެކޯޑް ކުރެވިފައިވަނީ 184 ހާދިސާއެވެ.

"ބަންގްލަދޭޝްގައި ޑެންގީހުން ޖެހޭ މީހުންގެ ރެކޯޑްތައް ބަލަހައްޓާން ފަށާފައިވަނީ 2000 ވަނަ އަހަރު. މިއީ، މި ބަލި މިހާތަނަށް އެންމެ ނުރައްކާ މިންވަރަކަށް ފެތުރިގެންދިޔަ އަހަރު،" ބަންގްލަދޭޝްގެ ޑިރެކްޓަރޭޓް ޖެނެރަލް އޮފް ހެލްތް ސަރވިސަސްގެ އެސިސްޓެންޓް ޑިރެކްޓަރ އަޔޭޝާ އަކްތަރު ބުންޏެވެ.

ބަންގްލަދޭޝްގެ 50 ރަށެއްގައި މި ބަލި ހަލުވިކަމާއިއެކު ފެތުރެމުންދާއިރު، އެންމެ ހަލުއިމިނެއްގައި ބަލި ފެތުރެމުންދަނީ 20 މިލިއަންގެ އާބާދީއެއް އޮންނަ ވެރިރަށް ދާކާގައެވެ.

"މަސައްކަތް ކުރަމުން މިދަނީ، ހުރިހާ ސަރުކާރު އަދި އަމިއްލަ ހޮސްޕިޓަލެއްގައިވެސް، މިކަމަށް ފަރުވާދޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް. މީގެއިތުރުން ދާކާ މެޑިކަލް ކޮލެޖް ހޮސްޕިޓަލުގައި މި ބައްޔަށް ޚާއްސަ ސެންޓަރެއްވެސް މިހާރުވަނީ ޤާއިމްކޮށްފައި،" އަކްތަރު އިތުރަށް ބުންޏެވެ.

ޑެންގީއަކީ މަދިރީގެ ޒަރީއާއިން ފެތުރޭ، ފުރާނައަށް ނުރައްކާވާ ބައްޔެކެވެ.

ބަންގްލަދޭޝްއަކީ ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން މަތީ ތަޢުލީމް ހާސިލް ކުރަމުންދާ ޤައުމެކެވެ. މި ދުވަސްވަރު ރާއްޖޭގައިވެސް ޑެންގީ ޖެހިގެން ރިޕޯޓްކުރާ މިންވަރު އިތުރުވެފައިވާކަން ފާހަގަވެއެވެ.