ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އަބްދުﷲ ދީދީއާއި ގުޅޭގޮތުން ހުށައެޅިފައިވާ އިތުރު ޝަކުވާއެއް ބަލަން ނިންމާފައިވާކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފިއެވެ.

ޖޭއެސްސީން މިއަދު ބޭއްވި އެ ކޮމިޝަންގެ 50ވަނަ ބައްދަލްވުމާއި ގުޅޭގޮތުން، ޖޭއެސްސީން ބުނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އަބްދުﷲ ދީދީއާއި ގުޅޭގޮތުން އިތުރު ޝަކުވާއެއްވެސް އެކޮމިޝަނަށް ލިބިފައިވާކަމަށެވެ. އެހެންކަމުން ފަނޑިޔާރު އަބްދުﷲ ދީދީއާއި ގުޅޭގޮތުން މިހާރު ބަލަމުންދާ ޝަކުވާތަކުގެ ތެރެއަށް އެ މައްސަލަވެސް އިތުރުކޮށް، އެ ޝަކުވާ ބަލާ ކޮމެޓީއަށް ހުށައެޅުމަށް ނިންމާފައިވާކަމަށެވެ.

ފަނޑިޔާރު ދީދީއަށް ކުރެވޭ ތުހުމަތުތަކުގެ ތެރެއިން ޖޭއެސްސީން މިހާރު ތަހުގީގު ކުރަމުންދަނީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައެއްގައި އެމަނިކުފާނާ ގުޅޭގޮތުން ފާހަގަވެފައިވާ ކަމަކާ ގުޅިގެން ބަލާ ސުލޫކީ މައްސަލައެވެ. އެ މައްސަލައަކީ ގެއްލިފައިވާ މިނިވަންނޫހުގެ ނޫސްވެރިޔާ ގެއްލުވާލި ކަމަށް ތުހުމަތުކުރެވޭ މީހުން މިނިވަންކުރުމަށް ރިޝްވަތު ނަންގަވާފައިވާ ކަމަށް ކުރެވޭ ތުހުމަތެވެ.

ފުލުހުން ބުނީ ދީދީއާ ގުޅޭގޮތުން ބަލަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ މައްސަލައިގެ ތަހުގީގުގެ ތެރެއިން ފާހަގަކުރެވުނު މައްސަލައެއް ކަމަށެވެ.

ފަނޑިޔާރު ދީދީއަށް ތުހުމަތުކުރެވޭ މައްސަލަތައް ފުލުހުންނާއި ޖޭއެސްސީން ބަލަމުން ދަނިކޮށް އެމަނިކުފާނު ވަނީ ރާއްޖެއިން ބޭރަށް ވަޑައިގެންފައެވެ. ނަމަވެސް ވަޑައިގަތީ ޖޭއެސްސީގެ ހުއްދައާއެކު ކަމަށް އެމަނިކުފާނުގެ ވަކީލު ވިދާޅުވެފައި ވެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ފަނޑޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް އެމަނިކުފާނުގެ މައްސަލަ ތަހުގީގުކުރި ޖުޑިޝަލް ސާވިސް ކޮމިޝަނުގެ ތަހުގީގު ޓީމުން ވަނީ ލަފާވެސް ދީފައެވެ.

ޖޭއެސްސީގެ ތަހުގީގު ޓީމުން ފަނޑިޔާރު ދީދީގެ ތަހުގީގު ކުރިއަށް ގެންދިޔައީ އާންމުކޮށް ހުޅުވާލައިގެން ދަރުބާރުގޭގައެވެ. އެމަނިކުފާނަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ޖޭއެސްސީން ވަނީ އެމަނިކުފާނު ފަނޑިޔާރުކަމުން ސަސްޕެންޑް ކޮށްފައެވެ. ސުޕްރީމް ކޯޓުން ވަނީ އެ ސަސްޕެންޝަނަށް އަމަލުކުރުން ފަސްކޮށް، އިތުރު ފިޔަވަޅެއް އެ މައްސަލާގައި ނާޅަން އަމުރުކޮށްފައެވެ. ނަމަވެސް ޖޭއެސްސީން ވަނީ އެ އަމުރު ގަބޫލުނުކޮށް، ސަސްޕެންޝަން ދެމިއޮންނާނެ ކަމަށް ނިންމާފައެވެ.

ފަނޑިޔާރު ދީދީގެ މައްޗަށް ގިނަ ތުހުމަތުތަކެއް ކުރެވުނު ނަމަވެސް ޖިނާއީ އެއްވެސް ކުށެއް އަދި ރިޝްވަތުގެ އަމަލެއް ދުވަހަކުވެސް ހިންގަވާފައި ނުވާނެ ކަަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.