ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް، މާޅޮސްމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ބަތޮޅުގެ ފަސް ރަށަކަށް ވަޑައިގެންނެވިއެވެ. އެއީ ފެހެންދޫ، ފުޅަދޫ، އޭދަފުށި، ކިހާދޫ އަދި ދޮންފަނަށެވެ. މި ރަށްރަށައް ޒިޔާރަތްކުރައްވައި އެރަށްރަށުގެ ކައުންސިލުތަކާއި އަތޮޅު ކައުންސިލާއި މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި އަތޮޅުގެ ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތަކާ އަދި ރަށްރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުއްވައި މަޝްވަރާކުރެއްވިއެވެ.

އެގޮތުން ރަށްރަށުގެ ރައްޔިތުން އެންމެ ބޭނުންވާ ކަންކަމާއި، އެ ރައްޔިތުންގެ މައިގަނޑު ކަންބޮޑުވުންތައް ކައުންސިލް މެންބަރުން ވަނީ ރައީސް ސޯލިހާއި ހިއްސާކުރައްވާފައެވެ. އޭގެ ތެރެއިން ބައެއް ކަންކަން ފުރިހަމަކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސް ސޯލިހް ވަނީ ދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ބ. އަތޮޅު ސިއްހީ ޚިދުމަތުގެ ރަންޔޫބީލް ފާހަގަކުރުމަށް އޭދަފުށީގައި ބޭއްވެވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި އެ ރަސްމިއްޔާތުގައި ވާހަކަފުޅުދެއްކެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް، މާޅޮސްމަޑުލު ދެކުނުބުރީ ފެހެންދޫ، ފުޅަދޫ، އޭދަފުށި، ކިހާދޫ އަދި ދޮންފަނަށް ވަޑައިގެންނެވުމުގެ އެ ރަށްރަށުގެ ރައްޔިތުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

ރައީސްގެ އަރިހުގައި ސަރުކާރުގެ ބައެއް އިސްވެރިންނާއި، ބ އަތޮޅަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.