ކުޅަދާނަ ފިލްމީ ތަރި އަބްދުﷲ މުއާޒްގެ އަލަތު ޑައިރެކްޝަން ކަމަށްވާ "ލީނާ"ގެ ހައުސްފުލް ޝޯތައް އޮލިންޕަހުގައި ދަނީ ދައްކަމުންދާއިރު، އެންމެންވެސް ދައްކާ އެއް ވާހަކައެއް އެބައޮތެވެ. "ލީނާ"ގައި ނުޒޫ ދައްކާފައިވާ މޮޅު އެކްޓިންގެ ވާހަކައެވެ.

ހަގީގަތުގައި "ލީނާ"ގައި ނުޒޫ ފާހަގަކޮށްލަންޖެހޭ ބައެއް ސަބަބުތައް އެބަހުއްޓެވެ. "ލީނާ"ގައި ނުޒޫ ގެނެސްދީފައިވާ މޮޅު އެކްޓިންގެ ފަހަތުގައި އޭނާގެ މޮޅުކަމާއެކު، ފިލްމުގެ ސްކްރީންޕްލޭ ތައްޔާރުކޮށްފައިވާ ޒަރީރުއާއި ޑައިރެކްޓަރު މުއާގެ ކުޅަދާނަކަން ފާހަގަކޮށްލަންޖެހެއެވެ.

ނުޒޫއަކީ މިވަގުތު ފިލްމީ ދާއިރާގައި ހަރަކާތްތެެރިވާ ފަންނާނުންގެ ތެރެއިން އެންމެ އުންމީދީ އެއް ފަންނާނެވެ. އެހެން ގޮތަކަށް ބުނާނަމަ މިވަގުތު ފިލްމީ އިންޑަސްޓްރީގައި ޑައިރެކްޓަރުންގެ ލިސްޓްގައި އެންމެ ކުރީގައި އުޅޭ ފިލްމީ ތަރިއެވެ. އޭނާގެ އެކްޓިން މޮޅެވެ. ހުނަރުވެރިކަން އެބަހުއްޓެވެ. އަދި އެއީ ނެށުމަށް ކުޅަދާނަ ތަރިއަކަށްވުމަކީ އިތުރު ޕްލަސް ޕޮއިންޓެކެވެ.

ނުޒޫގެ ގިނަ ފިލްމުތަކެއް ބެލުންތެރިންނާއި ހަމައަށް ފެނިގެންގޮސްފައިވާއިރު، މިހާރު އޮލިންޕަހުގައި އޮތް "ލީނާ" ނުޒޫއަށް ވަރަށް ޚާއްސައެވެ. އެންމެ ބޮޑު ސަބަބަކީ މިއީ ނުޒޫގެ ނަޒަރުގައި އޭނާ ކުޅުނު އެންމެ ތަފާތު ކެރެކްޓާއެވެ. އެންމެ ހިތްހަމަޖެހިގެން ކުޅެވުނު އެއް ފިލްމެވެ.