ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ ފީފާ އިން ހޮވާ އަހަރުގެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ ނުވަތަ "ދަ ބެސްޓް" އެވޯޑަށް ހޮވުނު ކުޅުންތެރިންގެ ތެރެއިން އެންމެ މޮޅު 10 ކުޅުންތެރިން ޝޯޓްލިސްޓުކޮށްފި އެވެ.

މިއަހަރު ދޭ އެވޯޑަށް ޝޯޓުލިސްޓުކުރި ކުޅުންތެރިންގެ ތެރޭގައި އެންމެ ފަހުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަން ލިވަޕޫލަށް ނިސްބަތްވާ ތިން ކުޅުންތެރިން ކަމަށްވާ މިސްރުގެ މުހައްމަދު ސަލާހު އާއި ސެނެގޯލްގެ ސަޑިއޯ މާނޭ އަދި މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ނެދަލޭންޑްސްގެ ވެން ޑައިކް ހިމެނެ އެވެ.

މީގެއިތުރުން މި ލިސްޓުގައި މި އެވޯޑު އެންމެ ގިނަފަހަރު ހޯދި ދެ ކުޅުންތެރިން ކަމަށްވާ އާޖެންޓީނާގެ ލިއޮނަލް މެސީ އާއި ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ދާދިފަހުން ޗެލްސީ ދޫކޮށް ރެއާލް މެޑްރިޑާއި ގުޅުނު ބެލްޖިއަމްގެ ހަޒާޑުވެސް ހިމެނެ އެވެ.

މި އެވޯޑު މިދިޔަ އަހަރު ހޯދާފައިވަނީ ލުކާ މޮޑްރިޗް އެވެ. ނަމަވެސް މިއަހަރުގެ އެވޯޑަށް އޭނާ ނުހޮވެ އެވެ. އޭގެ ކުރީ ދެ އަހަރުގެ އެވޯޑްވެސް ހޯދާފައިވަނީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

މި ލިސްޓުން އެންމެ ބޮޑު ހައިރާންކަމެއް ލިބުނީ ނެދަލޭންޑްސްގެ އުއްމީދީ ދެ ކުޅުންތެރިން ކަމަށްވާ މެޓިޗް ޑެލީޓް އާއި ފްރެންކީ ޑިޔޮން ހިމެނުމުންނެވެ. މި ދެ ކުޅުންތެރިންގެ ތެރެއިން ޑިޔޮން ވަނީ މިހާރު ބާސެލޯނާއާއި ގުޅިފައެވެ. އަދި ޑެލީޓް ވަނީ ޔުވެންޓަސްއާއި ގުޅިފަ އެވެ.

މިފަހަރުގެ އެވޯޑަށް ޝޯޓްލިސްޓުކުރި ލިސްޓުގައި ސިޓީއަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ބަނާޑޯ ސިލްވާއަށް ޖާގަ ނުލިބުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ. ބަނާޑޯ ސިލްވާ ވަނީ ސިޓީއާއެކު ޑޮމެސްޓިކް ތިން ތަށި ކާމިޔާބުކޮށްފަ އެވެ. ޕޯޗުގަލްއަށް މިދިޔަ ނޭޝަންސް ލީގު ކާމިޔާބުކޮށްދިނުމުގައި ވެސް އޭނާގެ ބޮޑު އެހީތެރިކަމެއް ލިބިފައިވެ އެވެ.

އާންމުންގެ ވޯޓަކުން ހޮވާ މި އެވޯޑު ޙާސިލްކުރާ ކުޅުންތެރިޔާގެ ނަން އާންމުކުރުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު އެވެ.

ފީފާގެ މިދިޔަ އަހަރުގެ އެންމެ މޮޅު ފިރިހެން ކުޅުންތެރިޔާގެ އެވޯޑަށް ޝޯޓްލިސްޓް ކުރެވުނު 10 ކުޅުންތެރިންނަކީ:

1- ލިއޮނަލް މެސީ – އާޖެންޓީނާ

2- ކްރިސްޓިއާނޯ ރޮނާލްޑޯ – ޕޯޗުގަލް

3- ވާޖިލް ވެންޑައިކް – ނެދަލެންޑް

4- ސަޑިއޯ މާނޭ – ސެނެގޯލް

5- ފްރެންކީ ޑިޔޮން – ނެދަލެންޑް

6- ހެރީ ކޭން – އިންގްލޭންޑް

7- އެޑެން ހަޒާޑު – ބެލްޖިއަމް

8- މުޙައްމަދު ސަލާޙް – މިސްރު

9- މެޓިޗް ޑެލީޓް – ނެދަލެންޑް

10- ކިލިއަން އެމްބާޕޭ – ފްރާންސް