ފީފާ އަންހެނުންގެ ވޯލްޑް ކަޕް 24 ގައުމުން 32 ގައުމަށް އިތުރުކުރަން ފުޓްބޯޅައާ ބެހޭ މައި އިދާރާ ފީފާއިން ނިންމައިފި އެވެ.

މި ބަދަލާއެކު 2023 ވަނަ އަހަރުން ފެށިގެން އަންހެނުންގެ ވޯލްޑް ކަޕްގައި 32 ގައުމު ވާދަކުރާނެ އެވެ. މިގޮތަށް ނިންމުމަށްފަހު ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވީ މި އަހަރު ފްރާންސްގައި ބޭއްވީ އެންމެ ފުރިހަމަ އަންހެނުންގެ ވޯލްޑް ކަޕް ކަމަށާއި، އަންހެން ފުޓްބޯޅައިގެ ކުރި އެރުމަށް އިތުރު ގައުމުތަކަށް ފުރުސަތު ދޭންޖެހޭ ކަމަށެވެ.

2023 ވަނަ އަހަރުން ފެށިގެން އަންހެނުންގެ ވޯލްޑް ކަޕް 32 ގައުމަށް އިތުރު ކުރިއިރު، ފިރިހެނުންގެ ވޯލްޑް ކަޕް 2026 ވަނަ އަހަރުން ފެށިގެން ކުރިއަށްގެންދާނީ 48 ގައުމާއެކު އެވެ.

މިއަހަރު ފްރާންސްގައި ބޭއްވި އަންހެނުންގެ ވޯލްޑް ކަޕް ކާމިޔާބުކުރީ އެމެރިކާއިންނެވެ. މިއީ އެމެރިކާއިން މި މުބާރާތް ކާމިޔާބުކުރި ހަތަރުވަނަ ފަހަރެވެ. އަންހެނުންގެ ވޯލްޑް ކަޕަކީ 1991 ވަނަ އަހަރުން ފެށިގެން ކޮންމެ ހަތަރު އަހަރަކުން އެއްއަހަރު ބާއްވަމުން އަންނަ މުބާރާތެކެވެ. އެގޮތުން މިފަހަރު ބާއްވާފައިވަނީ އަށްވަނަ ވޯލްޑް ކަޕެވެ. މީގެ ތެރެއިން ފަސްފަހަރު ފައިނަލް ކުޅެ ހަތަރު ފަހަރު އެމެރިކާ ވަނީ ތަށި ހޯދާފައެވެ. މީގެ ތެރޭގައި އެންމެފަހު ދެ ވޯލްޑް ކަޕްވެސް ހިމެނެއެވެ.

ޖަރުމަނުން ދެފަހަރު ވޯލްޑް ކަޕް ހޯދާފައިވާއިރު، ނޯވޭ އާއި ޖަޕާން ވަނީ ކޮންމެ ބަޔަކުވެސް އެއްފަހަރު ހޯދާފައެވެ.