ކުޅަދާނަ ފިލްމީ ތަރި އަބްދުﷲ މުއާޒްގެ "ލީނާ"ގެ ހައުސްފުލް ޝޯތައް އޮލިންޕަހުގައި ދަނީ ދައްކަމުންނެވެ. 2016ވަނަ އަހަރު ޑްރާމާ ސިލްސިލާއެއްގެ ގޮތުގައި ބެލުންތެރިންނަށް ގެނެސްދިނުމަށް މުއާ މަސައްކަތްކުރި "ލީނާ" މިމަހުގެ 23ވަނަ ދުވަހުގެ ރެއިން ފެށިގެން އޮލިންޕަހުގައި ދައްކަމުންދާއިރު، މިހާތަނަށް ފިލްމު ބެލި ގިނަ ބެލުންތެރިން ވަނީ ފިލްމާއި މެދު ހިތްހަމަޖެހުން ފާޅުކޮށްފައެވެ.

ރާއްޖޭގައި ހިނގި މަރުގެ ހާދިސާއަކުން އިންސްޕަޔާވެގެން ތައްޔާރުކުރި "ލީނީ"އާއިމެދު ޝުއޫރުފާޅުކުރި ގިނަ ބެލުންތެރިން ބުނީ މިއީ ރީތި ފިލްމެއްކަމަށެވެ.

"ލީނާ"އަށް ބެލުންތެރިންގެ ތައުރީފު އޮހެމުންދާއިރު، ފިލްމުގެ ހިތްގައިމު މަންޒަރުތައް ހިމަނައިގެން އައު ޓްރެއިލާއެއް މިހާރު ވަނީ ނެރެފައެވެ. ޓްރެއިލާގައި "ލީނާ"ގައި ހިމެނޭ ރަހަތައް ވަރަށް ރަނގަޅަށް ބުނެދެއެވެ. އެގޮތުން ލޯތްބާއި، އޯގާތެރިކަން، އަނިޔާވެރިކަމާއި، ރަހުމްކުޑަކަން، އުފާވެރިކަމާއި، މަޖާކަންވެސް ޓްރެއިލާއިން ބުނެދެއެވެ. މިއީ އެހާވެސް ރަހަ ހެޔޮވަރު މޮޅު ފިލްމެކެވެ.

މީގެ އިތުރުން ފިލްމުގައި ހިމެނޭ ހިތްގައިމު ބައެއް މަންޒަރުތައް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ލީނާގެ ފޭސްބުކް އޮފިޝަލް ޕޭޖްގައި ދަނީ ބެލުންތެރިންނާއި ހިއްސާކުރަމުންނެވެ. މި ވީޑިއޯ ކޮޅުތަކުންވެސް ބުނެދެނީ ހަމަ އެއް ވާހަކައެކެވެ. "ލީނާ"ގެ ރީތިކަމެވެ. ފިލްމުގެ މޮޅުކަމެވެ. "ލީނާ" ބަލަންދާންޖެހޭ ސަބަބުތަކެވެ.