ތައިލެންޑުގެ ވެރިރަށް ބެންކޮކުގައި ބޮންތަކެއް ގޮއްވާލައި ހަތަރު މީހުން ޒަހަމްކޮށްލި ހާދިސާ އާއި ގުޅިގެން އެ ގައުމުގައި ދިރިއުޅޭ ދިވެހިން ސަމާލުވުމަށް ބެންގކޮކް ގައި ހުންނަ ދިވެހި އެމްބަސީން އިލްތިމާސްކޮށްފި އެވެ.

ދިވެހިން ގިނަ އަދަދަކަށް ދަތުރުކުރާ ތައިލެންޑްގެ ވެރިރަށް ބެންކޮކް ގައި މިއަދު ހެނދުނު ބޮންތަކެއް ގޮއްވާލި ހާދިސާގައި އެގައުމުގެ 4 ރައްޔިތަކަށް ވަނީ އަނިޔާ ލިބިފައެވެ. މި ހަމަލާތަކުގައި ޒަހަމްވި މީހުންނަށް ސީރިއަސް އަނިޔާތަކެއް ލިބިފައި ނުވާކަމަށްވެސް ތައިލެންޑް ނޫސްތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ. ނަމަވެސް އެ މީހުންނަށް އެ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ރިޕޯޓްތައް ބުނާ ގޮތުަގައި އަނިޔާވި މީހުންގެ ތެރެއިން 3 މީހުންނަކީ އެވަގުތު މަގުމަތި ކުނިކަހަން ތިބި 3 އަންހެނުންނެވެ.

ބެންކޮކްގައި މި ބޮން ގޮއްވުމުގެ ހާދިސާ ހިންގާފައި މިވަނީ، ބެންކޮކުގެ އެކި ހިސާބުތަކުގައި ބޮންތަކެއް ގޮއްވާލާފައި މި ވަނީ އާސިއާންގެ ގައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުން އެ ގައުމުގައި ކުރިއަށް ދަނިކޮށެވެ.

މި ހާދިސާ އާއި ގުޅިގެން ބެންކޮކްގައި ހުންނަ ދިވެހި އެމްބަސީއިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ، ބެންކޮކްގައި ގޮއްވި ތަފާތު ކުދި ބޮންތަކުގެ ސަބަބަނުން އެ ގައުމުގެ 4 މީހަކަށް އަނިޔާވެފައިވާ ކަމަށެވެ. އަދި އެ ހާދިސާ އާއި ގުޅިގެން ތައިލެންޑްގެ ސަރުކާރުން ބެންގްކޮކުގެ ސަލާމަތީ ކަންކަން ވަރުގަދަކުރަމުން ދާ ކަމަށްވެސް ވަނީ ބުނެފައެވެ.