ކުޑަކުއްޖަކަށް ޑޮކްޓަރު ދިން ބޭހުގެ ސަބަބުން އިވުމުގެ ހިއްސުން މަހުރޫމްވުމުން އެ މައްސަލާގައި ސުޕްރީމް ކޯޓުން އިއްވި ހުކުމާ ގުޅިގެން ރާއްޖޭގެ ސިއްހީ ދާއިރާއާ ގުޅުންހުރި ގާނޫނީ ކަންކަމަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ކުރީގެ ބަންޑާރަ ނާއިބު ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.

ސުއޫދު މިހެން ވިދާޅުވީ 2007 ވަނަ އަހަރު ގދ. ތިނަދޫ ހޮސްޕިޓަލުން ތިން އަހަރުގެ ކުއްޖަކަށް ދިން ބޭހެއްގެ ސަބަބުން އެ ކުއްޖާގެ ދެ ކަންފަތުގެ އިވުން ދާއިމީކޮށް ގެއްލުނު މައްސަލާގައި ޑޮކްޓަރުން އިހުމާލުވިކަން ސާބިތުވެ، ބަދަލުގެ ގޮތުގައި 7.1 މިލިއަން ރުފިޔާ ދޭން ދައުލަތުގެ މައްޗަށް ސުޕްރީމް ކޯޓުން ޖުލައި މަހުގެ 25 ވަނަ ދުވަހު ކުރި އަމުރާ ގުޅޭގޮތުން ކުރެއްވި ޓުވީޓެއްގައެވެ.

ސުއޫދު ވިދާޅުވީ ސުޕްރީމް ކޯޓުގެ ފާހަގަކޮށްލެވޭ އެ ހުކުމަކީ ރާއްޖޭގެ ސިއްހީ ދާއިރާއާ ގުޅުންހުރި ގާނޫނީ ކަންކަމަށް ވަރަށް ބޮޑު ބަދަލެއް ގެނުވާނެ ނިންމުމެއް ކަމަށެވެ. ހުކުމުން ފާހަގަކޮށްލެވޭ ކަންކަމަށް އަލިއަޅުވާލައްވައި ސުއޫދު ވިދާޅުވީ މުވައްޒަފުންގެ ފަރާތުން ހިނގާ އިހުމާލުގެ އަމަލުތަކުގެ ޒިންމާ މުއައްސަސާއިން ވެސް ގާނޫނީގޮތުން ނަގަންޖެހޭ އުސޫލު ކޯޓުން ބަލައިގަތް މިއީ ފުރަތަމަ ފަހަރު ކަމަށެވެ.