45 އަހަރުގެ ޑީ ގެލެންޓް އޭނާ ގެންގުޅޭ ކުއްތާ ގޮވައިގެން ނިކުމެ އުޅުނީ ހިނގައިލާށެވެ. އެއީ ކެނެޑާގެ ރަށެއް ކަމަށްވާ ވެންކޫވަރ އައިލެންޑްގެ ސައުޓް ޑަންކަން ކިޔާ ބޯކޮށް ވައު ހެދިފައިވާ ފަރުބަދަމަތީ ސަރަހައްދެކެވެ. މިގޮތަށް ފަރުބަދަމަތީ ސަރަހައްދުތަކުގައި ހިނގުން ނުވަތަ "ހައިކިންގް"އަކީ އޭނާ ވަރަށް ކުރާ ހިތްވާ ކަމެކެވެ. އާދައިގެ މަތީން އެ ދުވަހުވެސް އޭނާ ދިޔައީ އެ ގޮތަށް ހިނގައިލާށެވެ.

ނަމަވެސް ވަލުތެރެއިން ހިނގަމުން ދަނިކޮށް ކޮންމެވެސް މީހަކު ނުވަތަ އެއްޗެއް ފާރަލާކަމުގެ އިހުސާސް އޭނާއަށް ކުރެވުނެވެ. އަދި ހިތަށް އުނދަގޫވާން ފެށުމުން ވަށައިގެން ހޯދާލެވުނެވެ. ފަހަތަށް އެނބުރި ބަލައިލިއިރު ކަމަކުދާކަށް ނެތެެވެ. އޭނާގެ ފަހަތުން ފާރަލަމުން އަންނަތަން ފެނުނީ ބިޔަ މިނިކާ ޖަނަވާރެކެވެ. "ކޫގަރ"އެކެވެ.

"އެންމެ ފުރަތަމަ އަހަންނަށް ލިބުނީ ހައިރާން ކަމެއް. މިކަހަލަ ޖަނަވާރެއް އެހާ ކައިރިން ހަމަލޮލުން ބަލައިލުމުގެ ފުރުސަތު މީގެ ކުރިން ލިބިފައި ނުވާތީ. އަހަރެންނަށް ހުރެވުނީ އާޝޯޚްވެފައި. ނަމަވެސް ކުޑަ އިރުކޮޅެއްގެ ތެރޭގައި ހިތަށް ބިރުވެރިކަން އިހުސާސްވާން ފެށި. އަދި މި ޖަނަވާރަކީ އަހަރެންގެ ފުރާނައަށް އޮތް ނުރައްކަލެއްކަން އެނގުނު،" އޭނާ ބުންޏެވެ.

މި ޖަނަވާރުގެ މަގުސަދަކީ އޭނާއަށް ހަމަލާދީ ޝިކާރައަކަށް ހަދައިލުންކަން އެނގުމުން ގެލެންޓް އަޑުގެ ނެތްތަނަށް ހަޅޭއްލަވައި އަޑުގަދަ ކުރަން ފެށި އެވެ. ބޭނުންވީ އެ ޖަނަވާރަށް އޭނާއަކީވެސް ބިރެއްކަމަށް ދެއްކުމެވެ. އަދި އޭތި އެ ތަނުން ފައްސާލުމެވެ. ނަމަވެސް މިކަން ކާމިޔާބުވާ ގޮތެއް ނުވި އެވެ. ދެން އޭނާ ކަންތައް ކުރީ މީހަކު ހިތަށްވެސް އަރާފާނެ ގޮތަކަށް ނޫނެވެ.

"އެ ވަގުތު އަހަރެންގެ ހިތަށް އެރީ މިކަމުން ދެން ސަލާމަތްވާނީ އަޑުގަދަކޮށްގެންނޭ. އެހެންވެ ފޯނު ނަގާފައި އަހަރެންނަށް އެންމެ އަޑުގަދަހެން ހީވާ ބޭންޑެއްގެ ލަވައެއް ފޯނުުން ޖަހައި ފޯނުގެ ސްޕީކަރުގެ އަޑު އެންމެ ބާރުކޮށްލީ،" އޭނާ ދެން ކަންތައް ކުރި ގޮތް ކިޔައިދެމުން ބުންޏެވެ.

ކަން ދިމާކުރި ގޮތުން އޭނާއަށް ޚިޔާރު ކުރެވުނީ އެމެރިކާގެ މަޝްހޫރު ހެވީ މެޓަލް މިޔުޒިކް ކުޅޭ ބޭންޑެއް ކަމަށްވާ މެޓެލިކާގެ ލަވަ އެކެވެ. އިއްތިފާގަކުން ފުރަތަމަވެސް ޖަހާލެވުނު ލަވައިގެ ނަމަކީ "ޑޯންޓް ޓްރީޑް އޮން މީ"އެވެ.

ކަންތައްތައް ދެން ހިނގައިގެން ދިޔައީ، ލަވައިގެ ނަމުން ދޭހަވާ ފަދަ ގޮތަކަށޭވެސް ދެންނެވިދާނެ އެވެ. ލަވައިގެ އަޑު އިވުމުން، އެއްކަލަ ޖަނަވާރަށް ސިހުންވި އެވެ. އަދި ގިނަ އިރުތަކެއް ނުވެ، އެނބުރި އެސޮރު އައި ދިމާލަކަށް ގޮސް ފިލައިފި އެވެ. މި މުޅި ހާދިސާއަށްވެސް ހޭދަވަނީ އެންމެ ފަސް މިނެޓު ކަމަށް ގެލެންޓް ބުންޏެވެ.

"އަހަރެން ފުރަތަމަ ވަރަށް އުފާވި އެފަދަ ޖަަނަވާރެއް ހަމަލޮލުން ބަލައިލުމުގެ ފުރުސަތު ލިބުނީމަ. ނަމަވެސް ފަހުން ބިރުގަތް. އެކަމަކު އެ ޖަނަވާރުގެ ޝިކަރާއަކަށް ވުމުން ސަލާމަތްކޮށްދިނީ ޔަގީނުންވެސް މެޓެލިކާގެ ލަވައެއް." އޭނާ އެނބުރި ރައްކާތެރި ހިސާބަކަށް ދިޔައީ، އަޑުހަރުކޮށް މެޓެލިކާގެ އެ ލަވަ ޖަހައިގެންނެވެ. އޭނާ ވަނީ މި ހާދިސާ ހިނގި ވަގުތު އެކަން ވީޑިއޯވެސް ކޮށްފަ އެވެ.