ރާއްޖޭގައި ލިބެންހުރި ކެންސަރު ބަލީގެ ފަރުވާ އިތުރަށް ފުޅާކުރުމުގެ ގޮތުން އެސްޓީއޯއިން 'އޮންކޯސްޕެކްޓްރާ'ގެ ނަމުގައި ދެ ދުވަހުގެ ކޮންފަރެންސެއް މިއަދު ފަށައިފި އެވެ.

ސަތޭކައަށް ވުރެ ގިނަ ބައިވެރިންނާއެކު ހުޅުލޭ އައިލެންޑް ހޮޓެލްގައި ފެށި މިކޮންފަރެސްގައި އައިޖީއެމްއެޗް، އޭޑީކޭ ހޮސްޕިޓަލް، ހުޅުމާލެ ހޮސްޕިޓަލް އަދި ޓްރީޓޮޕް ހޮސްޕިޓަލްގެ ޑަކުޓަރުންނާއި، ނަރުހުންނާއި ލެބޯރެޓަރީ ޓެކްނީޝަނުން ވަނީ ބައިވެރިވެފަ އެވެ.

އެސްޓީއޯއިން ބުނީ މިކޮންފެރެންސްގެ މައިގަނޑު މަގުސަދަކީ ކެންސަރުގެ ބަލިތަކާ އަދި އެބަލިތަކަށް މިހާރު ލިބެން ހުރި ބޭސްފަރުވާގެ މައުލޫމާތާއި، ކުރިން ރާއްޖެއިން ލިބެން ނެތް ފަރުވާތަކާއި ބޭސްތައް އަލަށް ތައާރަފްކޮށްދިނުން ކަަމަށެވެ. އަދި މީގެސަބަބުން ރާއްޖޭގައި ކެންސަރު ބަލިތަކަށް ފަރުވާ ބޭނުންވާ ފަރާތްތަކަށް ރާއްޖެއިން ބޭރަށް ނުގޮސް ފަރުވާ ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށްވެސް އެސްޓީއޯއިން މައުލުމަތުދެ އެވެ.

އެސްޓީއޯއިން ބުނީ މިއަދުގެ ކޮންފަރެންސްގައި ޑޮކްޓަރުންނަށް ހާއްސަ ޕްރޮގްރާމްތަކެއް ގެންދާއިރު މާދަމާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ނަރުހުންނަށް ހާއްސަ ތަމްރީން ޕްރޮގްރާމެއް ކަމަށެވެ.

ޑރ. ރެޑީސްގެ ފަރާތުން އިސްނަގައިގެން ބާއްވާ މިކޮންފަރެންސް އިންތިޒާމު ކޮށްފައިވަނީ ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސްއާއި އާސަންދަ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ އިތުރުން ވިލިމާލެ ހޮސްޕިޓަލުގެ ބޮޑު އެހީތެރިކަމެއް ލިބިގެން ކަމަށް އެސްޓީއޯއިން މައުލޫމާތުދެ އެވެ.

ރާއްޖޭގައި ލިބެންހުރި ކެންސަރު ބަލީގެ ފަރުވާ އިތުރަށް ފުޅާކުރުމުގެ ގޮތުން އެސްޓީއޯއިން މިއަދު ފެށި ދެ ދުވަހުގެ ކޮންފަރެސްގެ އިތުރުން، އެކުންފުނިން މީގެ ކުރިންވެސް ވަނީ ސިއްހީ ދާއިރާ ކުރިއެރުވުމަށް ވަރަށް ގިނަ ވޯކްޝޮޕްތަކާއި ކޮންފަރެންސްތައް ބާއްވާފަ އެވެ.