އާ ފުޓުބޯޅަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކުޅޭ އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕުގެ ފަހު މެޗުގައި އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑުން އިޓަލީގެ އޭސީ މިލާން ބަލިކޮށްފި އެވެ.

މި މޮޅާއެކު ޔުނައިޓެޑުން ޕްރީ ސީޒަން ނިންމާލީ ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް ރެކޯޑަކާ އެކުގަ އެވެ.

މި މެޗުގައި ފުރަތަމަ ގޯލް ޖަހާ ލީޑު ނަގާފައިވަނީ ޔުނައިޓެޑެވެ. ނަމަވެސް މި ގޯލަށްފަހު އޭސީ މިލާން ވަނީ އެ ޓީމުގެ ކުޅުން އިތުރަށް ވަރުގަދަކޮށްފަ އެވެ. ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފުގެ މެދުތެރޭގައި އޭސީ މިލާނުން ނަތިޖާ ހަމަހަމަ ކުރި އެވެ.

ދެވަނަ ހާފުގެ ކުރީކޮޅު އޭސީ މިލާނުން ލީޑު ނަގާފައިވަނީ ޔުނައިޓެޑުގެ ޑިފެންޑަރު ލިންޑެލޯފްގެ އަތުން ބައިކޮޅަށް ވައިން ގޯލަކުންނެވެ. ނަމަވެސް މި ގޯލު ޖެހިތާ މާގިނައިރުތަކެއް ނުވަނީސް ލިންގާޑް ވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށް ދީފަ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 2-2 އިން ދެ ޓީމު އެއްވަރުވެގެންނެވެ. ދެން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ.

މި މެޗު ޔުނައިޓެޑް ކާމިޔާބުކުރީ ޕެނަލްޓީ ޖަހައިގެން 5-4 ގެ ނަތީޖާއަކުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޔުނައިޓެޑުގެ ޒުވާން ފޯވަޑް މާކަސް ރަޝްފޯޑެވެ.

މެޗަށްފަހު ވާހަކަދައްކަމުން ޔުނައިޓެޑުގެ މެނޭޖަރ ޝޯލްޝާ ބުނީ މެޗުގެ ކުރިން ހިތުގައި ގިނަ ސުވާލުތަކެއް އުފެދުނު ކަމަށާއި ނަމަވެސް އެ ހުރިހާ ސުވާލެއްގެ ޖަވާބު މި މެޗުގެ ސަބަބުން ލިބިފައިވާ ކަމަށެވެ. އަދި އާ ސީޒަނަށް އެ ޓީމު ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށްވެސް ބުންޏެވެ.