ޕެނަލްޓީ ޖަހައިގެން ލިވަޕޫލް ބަލިކޮށް އިނގިރޭސި ފުޓްބޯޅަ ސީޒަން ހުޅުވަން ކުޅުނު އެފްއޭ ޗެރިޓީ ޝީލްޑް މެންޗެސްޓާ ސިޓީން އުފުލާލައިފި އެވެ.

ވެމްބްލީ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 އިން ދެޓީމު އެއްވަރުވުމުން، ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ސިޓީ ކުރި ހޯދީ 5-4 އިންނެވެ. ސިޓީން ވަނީ މިހާތަނަށް ހަ ފަހަރަށް ޝީލްޑް އުފުލާލާފައެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ސިޓީން މޮޅަށް ކުޅުނުއިރު، އެޓީމުން ވަނީ މި ހާފުގައި ލީޑު ނަގާފައެވެ. މެޗުގެ 17 ވަނަ މިނެޓުގައި ޑޭވިޑް ސިލްވާ ދިން ޕާހަކުން މި ގޯލް ކާމިޔާބުކޮށްދިނީ ރަހީމް ސްޓާލިން އެވެ.

އެކަމަކު މެޗުގެ ދެވަނަ ހާފުގައި ލިވަޕޫލުން ވަނީ ވަރަށް ބޮޑަށް ކުޅުން ރަނގަޅުކޮށް ސިޓީއަށް ޕްރެޝަރު ކޮށްފަ އެވެ. އެގޮތުން ޑިފެންޑަރު ވާޖިލް ވެން ޑައިކް ފޮނުވާލި ބޯޅައެއް ގޯލް ރޮނގު މަތިން ސަލާމަތްކުރިއިރު، އޭގެފަހުން މުހައްމަދު ސަލާހް ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑިއަށް ވަނީ އަމާޒުވެފައެވެ. ލިވަޕޫލުން މެޗުގެ ނަތީޖާ ހަމަހަމަ ކުރި ގޯލު 77 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޑިފެންޑަރު ޖޯ މަޓިޕް އެވެ.

ނަތީޖާ އެއްވަރުވުމުން ޖެހި ޕެނަލްޓީގައި ސިޓީން ވަނީ ފަސް ޕެނަލްޓީވެސް ކާމިޔާބުކޮށްފަ އެވެ. ސިޓީގެ ޕެނަލްޓީތައް ކާމިޔާބުކުރީ އިލްކާއީ ގުންޑޮގާން، ބެނާޑޯ ސިލްވާ، ފިލް ފޯޑެން، އޮލެކްސަންޑަ ޒިންޗެންކޯ އަދި ގެބްރިއަލް ޖިސޫސް އެވެ. ލިވަޕޫލުން ޖެހި ފަސް ޕެނަލްޓީގެ ތެރެއިން ކާމިޔާބު ނުކުރެވުނީ ޖިނީ ވައިނަލްޑަމް ޖެހި ޕެނަލްޓީ އެވެ. ވައިނަލްޑަމް ޖެހި ޕެނަލްޓީ ސިޓީގެ ކީޕަރު ބްރާވޯ ވަނީ މަތަކޮށްފަ އެވެ. ލިވަޕޫލްގެ އަނެއް ހަތަރު ޕެނަލްޓީ ކާމިޔާބުކޮށްދިނީ ޒެރްޑަން ޝަގީރީ، އެޑަމް ލަލާނާ، އެލެކްސް އޮކްސްލޭޑް-ޗެމްބަލެއިން އަދި ސަލާހް އެވެ.

މިއީ ކޮމިއުނިޓީ ޝީލްޑް މެޗުގައި ލިވަޕޫލާއި ސިޓީ ވާދަކުރި ފުރަތަމަ ފަހަރެވެ. ވެމްބްލީ ސްޓޭޑިއަމްގައި މި ދެޓީމު އެންމެ ފަހުން ވާދަކުރީ 2016 ވަނަ އަހަރުގެ ލީގު ކަޕްގެ ފައިނަލްގަ އެވެ.