ކްލައުވީނޯ ޑަ ސިލްވާއަކީ މަސްތުވާތަކެތި މައްސަލަތަކެއް ސާބިތުވެ، 73 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ މީހެކެވެ. އޭނާ ހުކުމް ތަންފީޒު ކުރަމުންދިޔައީ ބްރެޒިލްގެ ރަށެއް ކަމަށްވާ ރިއޯ ޑި ޖެނީރޯގެ "ބަންގޫ 3"ގެ ނަން ދީފައިވާ ޖަލުގައެވެ. ނަމަވެސް، ދާދިފަހުން 42 އަހަރުގެ ޑަ ސިލްވާ ޖަލުން ފިލަން މަސައްކަތް ކުރަނިކޮށް މިވަނީ ފަޅާއަރާފައެވެ.

އޭނާ ޖަލުން ފިލަން މަސައްކަތް ކޮށްފައިވަނީ އޭނާގެ 19 އަހަރުގެ އަންހެން ދަރިފުޅުގެ ސިފައަށް އޭނާގެ ސިފަ ބަދަލުކޮށްގެންނެވެ. ޖަލުން ފިލަން ރާވާފައި އޮތީ، އޭނާގެ ދަރިފުޅު އޭނާއަށް ޒިޔާރަތްކުރި ދުވަހަކާއި ދިމާކޮށެވެ. މިކަމަށް އޭނާވަަނީ ވަރަށް ކުރިއާލާ ތައްޔާރުވެފައެވެ. މިގޮތުން، މޫނުގައި އެޅުމަށް މާސްކަކާއި، އިސްތަށިގަނޑަކާއި، އަދި އަންހެނުން ބޭނުންކުރާ ފޭރާންތައް ކުރީން އޭނާވަނީ ޖަލަށް އެތެރެކޮށްފައެވެ.

ޖަލުގެ އޮފިޝަލުންވަނީ، ޑަ ސިލްވާ، އޭނާގެ އަންހެން ދަރިފުޅުގެ ސިފައަށް ސިފަ ބަދަލުކޮށްފި ހުރި މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް އާންމުކޮށްފައެވެ.

މި ހާދިސާއާއި ގުޅިގެން، އޭނާގެ އަންހެން ދަރިފުޅުގެ މައްޗަށް، އޭނާ ޖަލުން ފިލުމަށް އެހީތެރިވެދިނުމުގެ ކުށުގެ ދައުވާ އުފުލާނެ ކަމަށް ބެލެވެއެވެ. ޑަ ސިލްވާ ޖަލުން ފިލަން މަސައްކަތް ކޮށްފައިވަނީ، އޭނާގެ ބަދަލުގައި އޭނާގެ އަންހެން ދަރިފުޅު ޖަލަށް ދޫކޮށްލުމަށްފަހުއެވެ. މިއީ އޭނާގެ ދަރިފުޅުގެ ރުހުމާއިއެކު ރާވާފައިވާ ރޭވުމެއް ކަމަށް ޤަބޫލު ކުރެވެއެވެ.