އެމެރިކާގެ ދެ ރަށެއްގައި މި ހަފްތާގައި ހިނގި ހިތާމަވެރި ބަޑިޖެހުމުގެ ހާދިސާތަކާއި ގުޅިގެން ކުރި ޓްވީޓެއްގެ ސަބަބުން މަޝްހޫރު އެސްޓްރޯފިޒިސިސްޓް ނީލް ޑިގްރާސް ޓައިސަން ހޫނުފެނަށް ވެއްޓި، އޭނާ މައާފަށް އެދޭން ޖެހިއްޖެއެވެ.

އެމެރިކާގެ ޓެކްސަސްގެ އެލް ޕާސޯ، އަދި އޮހާޔޯގެ ޑެއިޓަންގައި ހިނގި ބަޑިޖެހުމުގެ ހާދިސާތަކާއި ގުޅިގެން ޓައިސަން ކުރި ޓުވީޓަކަށްފަހު، ގިނަ އަދަދެއްގެ ބަޔަކުވަނީ އޭނާގެ ޓްވީޓާއިމެދު ނުރުހުން ފާޅުކޮށް، ފާޑުކިޔާފައެވެ.

ޓްވިޓަރގައި އޭނާ ލިޔެފައިވަނީ މިހެންނެވެ: ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި ހިނގި ބިޑިޖެހުމުގެ ހާދިސާތަކުގައި 34 ފުރާނަވަނީ ގެއްލިފައި. ނަމަވެސް، ކޮންމެ 48 ގަޑިއިރެއްގެ ތެރޭގައިވެސް އެތައް ފުރާނައެއް ގެއްލޭ. ޞިއްހީ ދާއިރާގައި ފަރުވާކުޑަވުމުގެ ސަބަބުން 500 މަރު... ހުން އައިސްގެން 300 މަރު... އަމިއްލައަށް ފުރާނަ ނަގާލައިގެން 250 މަރު... ކާރު އެކްސިޑެންޓްތަކުގައި 200 މަރު... އަދި، ބަޑިފަދަ ހަތިޔާރު ބޭނުންކޮށްގެން 40 މީހުން މަރާލެވޭ."

"މި ކަންތައްތަކަށް ބަލައިލާއިރު ފެންނަނީ އަހަރެމެންގެ އިހްސާސްތަކާއި އެންމެ ބޮޑަށް ކުޅެނީ ތަފާތު ބޮޑު ހާދިސާތައްކަން... އަދި އެކަމެއްގެ ފަހަތުގައި އޮތް ސައިންޓިފިކް މަޢުލޫމާތު ނޫންކަން."

މި ޓްވީޓާއި ގުޅިގެން މީހުންގެ ނުރުހުން އަމާޒުވުމުން، ޓައިސަންވަނީ އެ ޓްވީޓަށް މައާފަށް އެދިފައެވެ. އަދި، އޭނާގެ ބޭނުމަކަށްވީ، ކޮންމެ ދުވަހަކުވެސް ހިނގާ ތަފާތު މަރުތަކާއި ގުޅޭގޮތުން މަޢުލޫމާތު ހާމަކޮށްދިނުން ކަމަށާއި، އެއްވެސް ވަރަކަށް، ބަޑިޖެހުމުގެ ހާދިސާގެ އަސަރު ކުރި ފަރާތްތަކަށް ބަދުބަހެއް ރައްދު ކުރުމުގެ ނިޔަތުގައި ނޫން ކަމަށް އޭނާ ބުންޏެވެ.

"އަހަރެން ބޭނުންވީ މަޢުލޫމާތު ތަކެއް ފޯރުކޮށްދިނުން. އަދި، މި މަޢުލޫމާތުތަކުގެ އެހީގައި، އެކި ސަބަބުތަކާއި ގުޅިގެން މީހުން މަރުވާ މިންވަރު މަދުކުރާން މަސައްކަތް ކުރުން. ނަމަވެސް، އަހަރެންނަށް އެނގުނު ކަމަކީ، މިއީ މިފަދަ ޓްވީޓެއް ކުރުމަށް އެންމެ މުނާސަބު ވަގުތު ނޫންކަން،" ޓްވީޓާއި ގުޅިގެން މައާފަށް އެދެމުން ޓައިސަން ބުންޏެވެ.

އެލް ޕާސޯ އަދި ޑެއިޓަންގައި ދިން ބަޑީގެ ހަމަލާތަކުގައި 29 މީހުން މަރުވެ، އިތުރު 52 މީހަކު ޒަޚަމްވިއެވެ. މި ދެ ހާދިސާވެސް ހިނގާފައިވަނީ 24 ގަޑިއިރުގެ ތެރޭގައެވެ.