1987 ވަނަ އަހަރު އެމެރިކާއާއި ރަޝިއާއާއި ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމަކުން އެމެރިކާ ވަކިވުމާއި ގުޅިގެން، ދެވަނަ ފިނި ހަނގުރާމައެއްގެ ތެރެއަށް ދުނިޔެ ވެއްޓިދާނެކަމުގެ ބިރު ހިވާން ފަށައިފިއެވެ. "އިންޓަމީޑިއަޓް-ރޭންޖް ނިއުކްލިއަރ ފޯސަސް ޓްރީޓީ (އައިއެންއެފް)" ގައި 1987 ވަނަ އަހަރު ސޮއިކޮށްފައިވަނީ އެމެރިކާގެ ރައީސް ރޮނަލް ރޭގަން އަދި ސޯވިއެޓުންގެ އޭރުގެ ލީޑަރު މީޚާއިލް ގޮރްބަޗޭވްއެވެ.

މި އެއްބަސްވުމާއިއެކު، ދުރުރާސްތާގެ މިސައިލްތައް ތައްޔާރު ކުރުމާއި ޓެސްޓުކުރުން، އަސްކަރީ ގޮތުން އެންމެ ބާރުގަދަ ކަމަށް ބެލެވޭ އެމެރިކާއާއި ރަޝިޔާއިން ހުއްޓާލިއެވެ. މި އެއްބަސްވުމުގެ ދަށުން 500 އާއި 5،500 ކިލޯމީޓަރުގެ ރާސްތާގެ މިސައިލްތައް ޓެސްޓު ކުރުމާއި ތައްޔާރު ކުރުމަކީ މަނާކަމެކެވެ. ނަމަވެސް، މި އެއްބަސްވުމުން ވަކިވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވުމުވުން، ދެވަނަ ފިނި ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު މިވަނީ އިތުރުވެފައެވެ.

އެމެރިކާއިން އައިއެންއެފް އެއްބަސްވުމާއި ދުރަށް ޖެހުނީ، ރަޝިއާއިން ދުރުރާސްތާ ކްރޫޒް މިސައިލްތަކެއް ދާދިފަހުން ޓެސްޓުކޮށްފައިވާ ކަމަށް ތުހުމަތުކޮށްފައެވެ. އެމެރިކާއަށް ވާގިވެރިވާ ނޭޓޯއިންވެސްވަނީ ރަޝިޔާއިން 9އެމް729 ގެ ނަންދީފައިވާ މިސައިލެއް ޓެސްޓު ކޮށްފައިވާ ކަމަށް ބުނެފައެވެ. ނަމަވެސް، ރަޝިޔާއިން މިކަން ދޮގު ކުރެއެވެ.

"ރަޝިޔާއިން މިކަމުގެ ޒިންމާ ނަގާން ޖެހޭނެ. އެމެރިކާއިން އައިއެންއެފް އެއްބަސްވުން އުވާލާން ނިންމީ، ރަޝިއާއިން އެ އެއްބަސްވުމާއި ޚިލާފުވުމުން،" އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕިއޯ ބުންޏެވެ. އެމެރިކާގެ ނިންމުމާއި ގުޅިގެން ރަޝިޔާއިންވެސްވަނީ އެއްބަސްވުން ބާތިލްކުރާން ނިންމާފައެވެ.

"އެމެރިކާއިން އައު މިސައިލް ޓެސްޓުތައް ހަދާން ފަށައިފިނަމަ، ރަޝިޔާއިންވެސް އެކަމަށް ރައްދުދޭނީ އައު މިސައިލް ޓެސްޓު ތަކަކާއިއެކު،" ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން ވިދާޅުވިއެވެ.

އައިއެންއެފް އެއްބަސްވުމަކީ، ފިނި ހަނގުރާމައިގެ ދުވަސްވަރު، އޭރުގެ އެންމެ ބާރުގަދަ ދެ ހަތުރުން ކަމަށްވާ ރަޝިިޔާއާއި އެމެރިކާއާއި ދެމެދު ހަދާފައިވާ އެއްބަސްވުމެކެވެ. ނަމަވެސް، މި އެއްބަސްވުމަށް ހުއްޓުން އައުމާއިއެކު، ފިނި ހަނގުރާމައެއް އަލުން ފެށުމަކީ ވަރަށް ގާތުގައިވާ ކަމެއް ކަމަށް ޤަބޫލް ކުރެވެއެވެ.