ލެސްޓާ ސިޓީއަށް ކުޅެމުންއާ އިނގިރޭސި ޒުވާން ޑިފެންޑަރު ހެރީ މެގުއާ މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވެއްޖެއެވެ.

އުމުރުން 26 އަހަރުގެ މެގުއާ ޔުނައިޓެޑާ ގުޅުނީ ހަ އަހަރު ދުވަހުގެ އެއްބަސް ވުމެއްގެ ދަށުން ރެކޯޑު އަގެއް ކަމަށްވާ 97 މިލިއަން ޑޮލަރުގެ އަގަކަށެވެ.

މެގުއާ ހޯދުމަށް މެންޗެސްޓާ ސިޓީން ވެސް މަސައްކަތްތަކެއް ކުރި ނަމަވެސް، ސިޓީގެ މަސައްކަތް ނާކާމިޔާބުވީ ސިޓީގެ ހުށަހެޅުންތަކުގެ އިތުރުން، އަގާ މެދުވެސް މެގުއާ ހިތް ހަމަނުޖެހުމުންނެވެ.

ޔުނައިޓެޑްގެ ކޯޗު އޮލޭ ގުނާ ސޯލްޝެއާ ބުނީ ޓީމާ މިގުޅުނު ޒުވާން ޑިފެންޑަރު މެގުއާއަކީ މިވަގުތު ދުނިޔޭގެ އެންމެ މޮޅު ސެންޓްރަލް ޑިފެންޑަރުންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެއް ކަމަށާއި އެހެން ކަމުން އޭނަ ކުލަބާއި ގުޅުމުން އިތުރަށް ކުރިއަށްދިއުމަށް އާހިތް ވަރެއް ލިބިއްޖެ ކަަމަށެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޔުނައިޓެޑަށް މެގުއާ ބަދަލުވުމުން އޭނާ މިހާރު ވެގެން ގޮސްފައި ވަނީ ދުނިޔޭގެ އެންމެ އަގުބޮޑު ކޮށް ކުލަބް ބަދަލުވި އެއް ޑިފެންޑަރަށެވެ. ކުރިން އެންމެ އަގުބޮޑު ކުޅުންތެރިޔަކީ މިދިޔަ އަހަރުގެ ޖެނުއަރީގައި ލިވަޕޫލާ ގުޅުނު ނެދަލޭންޑްސްގެ ޑިފެންޑަރު ވާޖިލް ވެން ޑައިކްއެވެ. އޭނާގެ އަގަކީ 75 މިލިއަން ޕައުންޑް ކަމަށް ވެސް މީޑިއާ ރިޕޯޓްތަކުގައި ބުނެފައި ވެއެވެ.