ބާސެލޯނާގެ ފަރިތަކުރުންތަކާ ގުޅުނުތާ މާގިނައިރުތަކެއް ނުވަނީސް އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީއަށް އަނިޔާވެ ކުޅުމާއި ދުރަށް ދާން ޖެހިއްޖެ އެވެ.

އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ބާސެލޯނާއިން ފަރިތަކުރުންތައް ފަށާފައިވަނީ އާދީއްތަ ދުވަހުގައެވެ. ރިޕޯޓުތައް ބުނާގޮތުން ޗުއްޓީއަށްފަހު މެސީ ފެނުނީ ވަރަށް އަންފިޓުކޮށެވެ. އަދި އޭނާއަށް އަނިޔާވީ ބާސާގެ ކޯޗިން ސްޓާފުން މެސީގެ ފިޓްނަސް ޓެސްޓުތަކެއް ކުރިޔަށްގެންދަން ނިންމާފައިވަނިކޮށެވެ.

ޗުއްޓީ ހޭދަކުރުމަށްފަހު އާޖެންޓީނާގެ ކެޕްޓަން މެސީ ތަމްރީނުތަކާ ގުޅިފައިވަނީވެސް އާދީއްތަ ދުވަހުގައެވެ. ކޮޕާ އެމެރިކާއަށްފަހު މެސީ ވަނީ އޭނާގެ އާއިލާއާއެކު ވަގުތު ހޭދަކޮށްފައެވެ. އެގޮތުން ސްޕެެއިންގެ އިބިޒާ އާއި ބައެއް ޓޫރިސްޓް މަންޒިލުތަކުގައި އޭނާ ޗުއްޓީ ހޭދަކޮށްފައިވެއެވެ.

މެސީގެ އަނިޔާއާއި ގުޅިގެން ބާސެލޯނާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ތަމްރީނުތައް ކުރިއަށް ދަނިކޮށް މެސީއަށް އަނިޔާވެފައިވާ ކަމަށާއި ޓެސްޓުތައް ދައްކާ ގޮތުން މެސީގެ ފައިގެ ކުޑަ ކަޅުވާ މަސްގަނޑަށް އަނިޔާވެފައިވާ ކަމަށެވެ. އަދި ބާސެލޯނާއިން ލީގުގެ މެޗުތައް ފެށުމުގެ ކުރިން އެމެރިކާގެ ހާއްސަ ޓުއާއަކަށް ދާން ނިންމާފައިވާއިރު މެސީ ޓީމާއެކު ދަތުރު ނުކުރާނެ ކަމަށް ޓީމުގެ ބަޔާނުގައިވެއެވެ.

އަދި މި ޓުއާގެ ބަދަލުގައި މެސީ މަސައްކަތްކުރާނީ ވީހާވެސް އަވަހަށް އަނިޔާއިން ރަނގަޅުވެ އެނބުރި ކުޅުމުގެ ތެރެއަށް އަންނަން ކަމަށްވެސް ބާސެލޯނާއިން ބުނެފައިވެއެވެ. ނަމަވެސް އަނިޔާއިން މެސީ ރަނގަޅުވާން ނަގާނެ މުއްދަތު އެ ކުލަބުން ހާމަކޮށްފައެެއް ނުވެއެވެ.

ގަމްބާ ޓްރޮފީ މެޗުގައި ބާސެލޯނާއިން އާސެނަލްއާ ދެކޮޅަށް ކުޅުނު މެޗުގައި މެސީ ވަނީ ފެނިގެންގޮސްފައެވެ. މި ޓްރޮފީ މެޗަކީ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އާސެނަލާއި ބާސެލޯނާ ގަވާއިދުން ކުޅެމުން އަންނަ މެޗެކެވެ.