ޔުވެންޓަސްއިން ކިޔާ އަގު ބޮޑުވުމާއި ގުޅިގެން އެ ކުލަބަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް ޕައުލޯ ޑިބާލާ ގެނައުމުގެ މަސައްކަތް މެންޗެސްޓަރ ޔުނައިޓެޑުން ހުއްޓާލައިފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން ޔުވެންޓަސްއިން ވަނީ ޑިބާލާ ހޯދުމަށް ބޮޑު އަގެއް ކިޔާފައެވެ. އަދި މި އަގު ކުޑަކުރުމަށް ޔުނައިޓެޑުގެ އިސްވެރިން ވަނީ ވަރަށް މަސައްކަތްކޮށްފައެވެ. ނަމަވެސް ދެ ފަރާތަށް އެއްބަސްވެވޭނެ އަގަކަށް އެއްބަހެއް ނުވެވުނެވެ. އަދި ޑިބާލާ ވެސް ވަނީ ޔުނައިޓެޑަށް ބަދަލުވުމާއި ދެކޮޅުހަދާފައެވެ.

ޔުނައިޓެޑުން އުމުރުން 25 އަހަރުގެ ޑިބާލާ ގެންނަން މަސައްކަތް ކުރީ އެ ކްލަބަށް ކުޅެމުން އަންނަ ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫ ޔުވެންޓަސް އަށް ދިނުމަށްފަހު ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. ނަމަވެސް މިކަމަށް ޔުވެންޓަސްއިން އެއްބަހެއް ނުވެއެވެ.

ޔުނައިޓެޑުން ލުކާކޫ ވިއްކާލަން ބޭނުންވަނީ ގާތްގަނޑަކަށް 75 މިލިއަން ޕައުންޑަށެވެ. މިހާތަނަށް ގިނަ ކުލަބުތަކަކުން ވަނީ ބެލްޖިއަމްގެ ފޯވާޑް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އޭނާ ގެންނަން މިދިޔަ މަހުގެ ތެރޭގައި އިޓަލީގެ އިންޓަރމިލާނުން 60 މިލިއަން ޕައުންޑުގެ ބިޑެއް ހުށަހެޅިއެވެ. ނަމަވެސް ޔުނައިޓެޑުން ވަނީ އެ އަގަށް ނުވިއްކާނެ ކަމަށް ބުނެފައެވެ.

ޑިބާލާ ގެނައުމުގެ މަސައްކަތް ހުއްޓާލުމަށްފަހު ޔުނައިޓެޑުން މިހާރު ވަނީ އެ ކުލަބަށް ކުޅެމުން އަންނަ ކްރޮއޭޝިއާގެ ތަޖުރިބާކާރު ފޯވާޑް މާރިއޯ މަންޒުކިޗް ގެންނަން ޔުނައިޓެޑުން ޝަައުގުވެރިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން އެކަމާ ގުޅޭ މަޝްވާރަތައް ދެ ކްލަބުގެ ދެމެދުގައި ކުރަމުންދާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އާ ސީޒަނަށް ޔުނައިޓެޑުން މިހާތަނަށް ވަނީ ތިން ކުޅުންތެރިޔަކު ގެނެސްފައެވެ. އެއީ ކްރިސްޓަލް ޕެލެސް އަށް ކުޅެމުން އައި ޒުވާން ފުލްބެކް އާރޮން ވެން ބިސާކާ އާއި ސްވެންސީ ސިޓީ އަށް ކުޅެމުން އައި ޒުވާން މިޑްފީލްޑަރު ޑެނިއަލް ޖޭމްސްގެ އިތުރުން ލެސްޓަ ސިޓީ އަށް ކުޅެމުން އައި ހެރީ މެގުއާ އެވެ.