ކޮންމެ އަހަރެއްގެވެސް މިއީ އައިފޯންގެ ދުވަސްވަރޭ ބުނެވިދާނެ އެވެ. އައިފޯން އުފައްދާ އެޕަލް ކުންފުނިން ކޮންމެ އަހަރަކުވެސް، ކުންފުނީގެ އައު އުފެއްދުންތައް ބާޒާރަށް ނެރެން ތައްޔާރުވާ ދުވަސްވަރަކީ މިދުވަސްވަރެވެ.

އެޕަލްގެ މި އަހަރުގެ އައު އުފެއްދުންތައް ބާޒާރަށް ނެރެން ބާކީ އޮތީ މަހެއްހާ ދުވަހެވެ. ނަމަވެސް ޓެކްނޮލޮޖީގެ ދުނިޔޭގައި އެޕަލްއިން މި އަހަރު ނެރޭނެ ކަމަށް ގަބޫލުކުރެވޭ ފޯނުތަކާ ބެހޭ އައު މައުލޫމާތުތަކެއް ދައުރުވަމުން ނުދެ އެވެ.

ސަބަބަކީ މި އަހަރު ނެރޭނެ ކަމަށް ބެލެވޭ އެޕަލް އައިފޯން 11 އާއި ބެހޭ ގިނަ މައުލޫމާތުތަކެއް މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެންވެސް ދައުރުވަމުން ދިއުމެވެ. މިހާރު ދެކެވެނީ މުޅިން އައު ވާހަކަ އެކެވެ. 2020 ވަނަ އަހަރު އެޕަލްއިން ނެރެން ތައްޔާރުވާ އައިފޯންގެ އައު އުފެއްދުންތަކާ ބެހޭ ޚަބަރުތަކެވެ. އަންނަ އަހަރު ނެރޭ ފޯންތަކުގައި ހިމެނޭނީ ކޮން ކަހަލަ ތަފާތު ކަންތައްތަކެއްތޯ، މިއީ މިހާރު ކުރެވެމުންދާ ސުވާލެކެވެ.

އައިފޯން ވިޔަފާރި ދަނީ ދަށްވަމުންނެވެ. ނަމަވެސް އަންނަ އަހަރު އެޕަލްއިން ނެރޭނެ ކަމަށް ބެލެވޭ ތިން އައިފޯނާއި ގުޅޭ ތަފާތު ޚަބަރުތައް ދަނީ ހަލުވި ދުވެލީގައި ދައުރުވަމުންނެވެ. އެއް ޚަބަރަކީ، ތިން ފޯނުގައިވެސް ހިމެނޭ ކެމެރާއަށް ގެންނާނެ ކަމަށް ބުނެވޭ ބަދަލެވެ. އައިިފޯނަށް މުޅީން އައު "ފީޗަރ"އެކެވެ. އެޕަލްއިން އަންނަ އަހަރު ނެރޭ އައިފޯންގައި ތްރީ-ޑީ ކެމެރާ ސިސްޓަމެއް ހުންނާނެ ކަމަށް ގަބޫލުކުރެވެ އެވެ.

އެޕަލްގެ އުފެއްދުންތައް ދިރާސާ ކުރާ ފަރާތެއް ކަމަށްވާ މިންގް ޗީ ކުއޯ ބުނަނީ މި ކެމެރާއަކީ ތްރީ-ޑީ މެޕް ކުރުމުގެ ގާބިލްކަން ލިބިފައިވާ ކެމެރާތަކެއް ކަމަށެވެ. މިއީ އެޕަލްގެ އެންމެ ފަހުގެ ފޯނުތަކުގައި މިހާރުވެސް ބޭނުންކުރާ "ފޭސް އައިޑީ" ކެމެރާއާއި އަޅާ ބަލާއިރު، މުޅިން ތަފާތު ކެމެރާ ސިސްޓަމެއް ކަމަށް އޭނާ ބުނެ އެވެ. އަދި މި ކެމެރާގެ ސަބަބުން އައިފޯންގައި ހިމެނޭ "ޕޯޓްރެއިޓް މޯޑް" މުޅިން އައު އުސްމިނަކަށް ގެންދާނެ ކަމަށް އޭނާ ބުންޏެވެ.

ދެވަނަ ކަމަކީ އެޕަލްގެ އައިފޯންތަކުގައި މީގެ ކުރިން ނެތް "ފީޗަރ" އެކެވެ. މޯބައިލް ނެޓްވޯކްގެ އެންމެ ފަހުގެ ޓެކްނޮލޮޖީ ކަމަށްވާ "5ޖީ"ގެ ޚިދުމަތް އެޕަލްގެ އައު ފޯނުތަކަށް ތައާރަފު ކުރާ ވާހަކަ އެވެ. މިއީ ހަމަގައިމުވެސް ގިނަ ބަޔަކު އުފާ ކުރާނެ ޚަބަރެކެވެ. އަންނަ އަހަރު އެޕަލްއިން ނެރޭނެ ކަމަށް ބެލެވޭ ތިން ފޯނަށްވެސް "5ޖީ"ގެ ޚިދުމަތް ލިބޭނެ ކަމަށް "މެކްރޫމާސް" އަދި "ނައިންޓްފައިވްމެކް" ވެބްސައިޓް ހިންގާ މިންގް ޗީ ކުއޯ ބުންޏެވެ.

މި އަހަރު އެޕަލްއިން ނެރުމަށް ތައްޔާރުވަމުންދާ އައިފޯން 11، އައިފޯން 11 މެކްސް، އަދި އައިފޯން 11 އެކްސްއާރް އަށް ބަލައިލާއިރު، މި ހުރިހާ ފޯނަކުންވެސް ތަފާތުތަކެއް ފެންނާނެ ކަމަށް ގަބޫލުކުރެވެ އެވެ. އައިފޯން 11، އައިފޯން 11 މެކްސްއިން ފެނިގެންދާނެ އާ ކަމަކީ، ފޯނުގެ ފަހަތުގައިވާ ތިންވަނަ ކެެމެރާ އެވެ. އަދި އައިފޯން 11 އެކްސްއާރްއިންވެސް "އަލްޓްރާ-ވައިޑް" ލެންސެއް ފެނިގެންދާނެ ކަމަށް ބެލެވެ އެވެ.

މީގެ އިތުރުން އައިޕެޑްގެ މުޅިން އައު ސީރީޒް އެއްވެސް މި އަހަރުގެ ތެރޭގައި އެޕަލްއިން ބާޒާރަށް ނެރޭނެ ކަމަށް ބެލެވެ އެވެ. އައު އައިޕެޑާއި އައު މެކްބުކް ބާޒާރަށް ނެރޭނެ ކަމަށް ގަބޫލުކުރެވެނީ އައިފޯން 11 ބާޒާރަށް ނެރުމަށްފަހު، އަންނަ އޮކްޓޯބަރު މަހު އެވެ. މީގެ އިތުރުން އެޕަލްއިން ތައްޔާރުކޮށްފައިވާ މުޅިން އައު ކްރެޑިޓް ކާޑެއް ކަމަށްވާ "އެޕަލް ކާޑް"ވެސް މި އޮގަސްޓް މަހުގެ ތެރޭގައި ބާޒާރަށް ނެރެނޭ އެވެ.

އެންމެ ފަހު ކުއާޓަރުގައި އެޕަލްގެ އައިފޯންގެ ވިޔަފާރިވަނީ 12 އިންސައްތަ ދަށަށް ގޮސްފަ އެވެ. ނަމަވެސް އެޕަލްގެ އެހެން ހުރިހާ ވިޔަފާރިއަކަށް ކުރިއެރުން ލިބުމުގެ ސަބަބުން، އެންމެ ފަހު ކުއާޓަރުގައި ކުންފުނީގެ ފައިދާ ވަނީ އިތުރުވެފަ އެވެ.