ކުރީގެ ނާއިބުރައީސް އަހުމަދު އަދީބު ފިއްލަވަން މަސައްކަތްކުރެއްވި "ވާގޯ 9" ޓަގްބޯޓުގެ މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުންގެ އިދާރާއިން ބުނެފިއެވެ.

ފުލުހުން ބުނެފައި ވަނީ ބަލަމުންދާ މައްސަލައަކާއި ގުޅިގެން އެ ޓަގު ބޯޓު ރާއްޖެ އައުމުން ހިފެހެއްޓުމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް އަންގާފައިވާނެ ކަމަށެވެ. އެހެންނަމަވެސް އެ މައްސަލައާއި ގުޅިގެން އަދި މިހާތަނަށް އެބޯޓުގެ އެއްވެސް މިހާކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ވަނީ މައުލޫމާތުދީފައެވެ.

ކުރީގެ ނާއިބުރައީސް އަހުމަދު އަދީބް ފިއްލަވަން މަސައްކަތްކުރެއްވި ޓަގްބޯޓުގެ މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން ބުނިކަމުގައިވިޔަސް އެއީ ކޮން މައްސަލައެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

ކުރީގެ ނާއިބުރައީސް އަހުމަދު އަދީބު ޓަގު ބޯޓެއްގައި ފިއްލަވަން މަސައްކަތް ކުރައްވަނިކޮށް އިންޑިއާގެ ޓުޓިކޮރިން އިން އަތުލައިގަތީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އަދި އެމަނިކުފާނު ޜާއްޖެ ގެނެސްފައި ވަނީ އާދިއްތަ ދުވަހުގެރޭއެވެ. އަދީބު ފިއްލަވަން މަސައްކަތްކުރެއްވި ޓަގް ބޯޓަކީ އިންޑޮނޭޝިއާއަށް ހިލަ ބަރުކުރުމަށްފަހު އެނބުރި އިންޑިއާއަށް ދިޔަ މަގުމަތީ ރާއްޖެ މަޑުކުރި ބޯޓެއް ކަމަށް ވެއެވެ.

ބޯޓުގައި އަދީބު ހުންނެވިކަން އެނގިފައި ވަނީ އެ ބޯޓުގައި ހުރި އިންޑިއާގެ ފަޅުވެރިއެއް އެކަން އިންޑިއާގެ ފުލުހުންނަށް ރިޕޯޓު ކުރުމުން ކަމަށް އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވެއެވެ. ނަމަވެސް އިންޑިއާގެ ސިޔާސީ ހިމާޔަތަށް އަދީބު އެދިވަޑައިގެންފައި ވަނިކޮށް ހިމާޔަތްދެވެން ނެތްކަމަށް ބުނެ އިންޑިއާއިން ދިވެހި އަދީބު ދިވެހިނ ފުލުހުންނާއި ހަވާލުކުރުމުން މާލެ ގެންނަނަވައި ހައްޔަރުކުރުމަށްފަހު މިހާރު ވަނީ 15 ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހާފައެވެ.