ކުރިއަށް އޮތް ދުވަސްތަކުގައި މި ސަރުކާރުން އާ ކަންތައްތަކެއް ކުރަމުންދާ މަންޒަރު ފެންނާނެ ކަމަށާއި ނަމަވެސް އެންމެ ފުރަތަމަ ކުރަންޖެހިފައިވާ ކަމަކީ ބަޔަކު ކޮށްފައި ހުރި ނުރަނގަޅު ކަންތައްތައް ރަނގަޅުކޮށް ތަން ސާފުކުރުން ކަމުގައި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަޒީރުންނާއި ސުވާލުކުރުމުގެ ބައިގައި ހެލްމެޓް އެޅުން ފިޔަވައި އާ ކަމެއް ޓްރާންސްޕޯޓް މިނިސްޓްރީ އަށް ކުރެވިފައިވޭތޯ ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހްމަދު ޝިޔާމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ފުރަތަމަ ގޯސްކޮށް ހުރި ކަންކަން ރަނގަޅުކޮށްގެން ނޫނީ ކުރިއަށް އޮތް ދުވަސްތަކުގައި ރަނގަޅަށް އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށެވެ. އަދި މިހާރު ކުރަމުންދާ ކަމަކީ ކަންކަން ރަނގަޅުކުރުން ކަމުގައިވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ފުރަތަމަ އެބަޖެހޭ ކޮށްފައި ހުރި ހާވާފައި ހުރި ހަޑިއެއް ސާފުކުރަންވެސް. ފުރަތަމަ ތަނެއް ރަނަގަޅު ކޮށްގެން ކުރިޔަށް ބައްޓަން ކުރެވޭނީ. އެހެންވީމާ ރަނގަޅު ކުރަން ހުރި ކަންތައްތައް މުޑުދާރު ވެފައި ހުރި ތަންތަން ރަނގަޅު ކުރަން ހަދައިގެން ހަޤީޤަތުގައިވެސް ކުރިޔަށް ހުރި ކަންކަމުގެ ޕްލޭން އަދި ކުރެވެނީ އެއްވެސް ކަމެއް ރަނގަޅަކަށް ނުކުރެވޭ. ބަޖެޓަށް އެބަ ބަލަންޖެހޭ، ލާރި ހޯދަންޖެހޭ ދެން ހުރި ކަންތައްތައް ކުރަންޖެހޭ. ހިތާމައާއެކު ދަންނަވާލާނީ މާތްﷲ ގެ އިރާދަފުޅުން ކުރިއަށް އޮތް ތާންގައި މިސަރުކާރުން އާ ކަންތައްތަކެއް ކުރާ ތަން ތިޔަ އިއްޒަތް ތެރި މެމްބަރުންނަށް ފެނިގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ނަހްލާ ވިދާޅުވީ މާލޭގައި ދުއްވާ އުޅަނދުތައް ޕާކުކުރުމަށް ކުރީ ސަރުކާރުން ހަދާފައިވާ މެކޭނިކަލް ޕާކިން ސިސްޓަމްތަކުން އެއްވެސް ފައިދާއެއް ނުކުރާ ކަމަށެވެ. އެއީ ގެއްލިގެންދިޔަ ފައިސާތަކެއް ކަމަށާއި މިހާރު އެ ސިސްޓަމްތައް ހުރީ ބާ ދަގަނޑަށްވެފައި ކަމުގައިވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި މިއަދުގެ ސަރުކާރުން ބޮޑެތި ޚަރަދުތަކެއް ކޮށްގެން އެތަކެތި ނަގަންޖެހިފައިވާ ކަމަށާއި ޕާކިންގެ މައްސަލައަށް ހައްލެއް ހޯދުން ލަސްވެގެން އުޅެނީ މިފަދަ ސަބަބުތަކާ ހެދި ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މާލޭގެ ބައެއް ގޭގޭގެ ގަރާޖަށް 1400 އެއްހާ ކާރު ރަޖިސްޓްރީ ކޮށްފައިވީ ނަމަވެސް އެފަދަ ކާރުތައް ޕާކުކޮށްފައި ހުންނަނީ މަގުމަތީގައި ކަމަށްވާތީ ޕާކިންގެ މައްސަލައަށް ހައްލެއް އަންނާނެތޯއޭ ވިދާޅުވެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ކުރެއްވި ސުވާލަށް ދެއްވަމުން މިނިސްޓަރު ވިދާޅުވީ ފާއިތުވެގެންދިޔަ ދުވަސްތަކުގައި ޓްރާންސްޕޯޓް އޮތޯރިޓީގެ ތެރެއިން ގަވާއިދާ ޚިލާފަށް ކުރެވިފައިހުރި ކަންތައްތައް ވަރަށް ގިނަ ކަމަށެވެ.

"އަޅުގަނޑުވެސް މި މަގާމާއި ހަވާލުވިފަހުން އަޅުގަނޑަށްވެސް ޖެހޭނީ އެތަނެއްގައި ހުރި މައްސަލަތައް ފުރަތަމަ ބަލައި ދިރާސާކޮށް އެކަންތައްތައް ކުރިއަށް ގެންދާނެ މަގެއް ހޯދަން. އަޅުަގަނޑު ދަންނަވާލަން އޮތީ އެގޮތަށް ހުރި ކަންކަން މިހާރު ބަލަމުންދާ ވާހަކަ. އަދި ކުރިއަށް އޮތްތަނުގައި އެގޮތަށް ހުރި މައްސަލަތައް ހައްލުކުރެވެން ހުރި ހުރިހާ ކަމެއްވެސް ކުރާނެކަމުގެ ޔަޤީންކަން އަޅުގަނޑު އަރުވަން،" ނަހްލާ ވިދާޅުވި އެވެ.

މިނިސްޓަރު ނަހްލާ އިތުރަށް ވިދާޅުވީ ޕާކިންގެ މައްސަލައާއި މިނިސްޓްރީ އާއި ގުޅުންހުރި އެހެން މައްސަލަތަކަށް ހައްލު ހޯދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އެކަމުގައި ކުރައްވަން ޖެހިވަޑައިގެންނެވި ކޮންމެ ކަމެއް ކުރައްވާނެ ކަމުގައިވެސް މިނިސްޓަރު ވިދާޅުވި އެވެ.