ޔޫތު މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމަށް ގައުމީ ޓީމުގެ ގޯލް ކީޕަރުންގެ ތެރޭގައި ހިމެނޭ ލަބާން ޝަރީފް އައްޔަންކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ސިޔާސީ މަގާމެއްގެ ގޮތުގައި އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމު ހިމެނޭއިރު މިމަގާމަށް ލަބާން އައްޔަންކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގަ އެވެ.

ލަބާން މި މަގާމަށް އައްޔަންކުރެއްވުމާ ގުޅިގެން ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް މިއަދު ވަނީ ލަބާނަށް މަރުހަބާ ވިދާޅުވެ ލަބާން އަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފަ އެވެ.

އެގޮތުން ލަބާންއާ އެކު ނަންގަވާފައިވާ ފޮޓޯއެއް ޓްވީޓް ކުރައްވަމުން މިނިސްޓަރު މަހްލޫފް ވިދާޅުވީ ގައުމީ ފުޓްބޯޅަ ޓީމުގެ ގޯލް ކީޕަރު ޔޫތު މިނިސްޓްރީގެ މަސައްކަތްތަކަށް ނިކުތުމަކީ ލިބިވަޑައިގެންނެވި އުފަލެއް ކަމަށެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ އަނިޔާވެރިކަމާ ދެކޮޅަށް ލަބާން ވަނީ ބޮޑެތި ގުރުބާނީތަކެއް ވެފައި ކަމަށްވެސް މިނިސްޓަރު މަހްލޫފް ވަނީ ވިދާޅުވެފަ އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި 1 މެއި 2015 ގައި އޭރުގެ އިދިކޮޅު ފަރާތްތަކުން ބޭއްވި ބޮޑު އެއްވުމެއްގައި ބައިވެރިވެ ފުލުހަކަށް ހަމަލާ ދިނުމާ ގުޅިގެން ރައީސް ޔާމީންގެ ސަރުކާރުގައި ލަބާންގެ މައްޗަށް ހުކުމެއް ކޮށް އޭނާ ވަނީ ޖަލަށް ލާފަ އެވެ. އެގޮތުން ފުލުހަކަށް ހަމަލާދިނުމުގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހަށް ލަބާން ޖަލަށް ލުމަށް ހުކުމްކުރި ނަމަވެސް މިދިޔަ އަހަރުގެ މެއި މަހުގެ 20 ވަނަ ދުވަހު ރައީސް ޔާމީންގެ ސަރުކާރުގައި ވަނީ ލަބާން މިނިވަންކޮށްފަ އެވެ.