މިދިޔަ މަހު ސާވިސް ޗާޖުގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ދީފައިވަނީ ދަ ސެއިންޓް ރެޖިސް މޯލްޑިވްސް ވޮއްމުލި ރިސޯޓުންކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ރިސޯޓުތަކުގެ މުވައްޒަފުންނަށް ދޭ ސާވިސް ޗާޖުގެ މިންވަރު ހާމަކުރާ މޯލްޑިވްސްއެސްސީކޮމްގެ ހިސާބުތައް ދައްކާ ގޮތުން ދ. އަތޮޅުގައި ހިންގަމުންދާ ވޮއްމުލި ރިސޯޓްގެ މުވައްޒަފުންނަށް މުސާރައިގެ އިތުރުން މިދިޔަމަހު ސަވިސް ޗާޖުގެ ގޮތުގައި 725.57 ޑޮލަރު ދީފައިވެއެވެ.

މިދިޔަ ދެ މަހު އެއްވެސް ރިސޯޓަކުން ސާވިސް ޗާޖުގެ ގޮތުގައި ދިން އަދަދު 1،000 ޑޮލަރަށް ވުރެ މައްޗަކަށް ނާރައެވެ.

ދެވަނަ އަށް އެންމެ ބޮޑު ސާވިސް ޗާޖެއް ދީފައިވަނީ ޖުމެއިރާ ވިޓަވެލި ރިސޯޓުންނެވެ. އެރިސޯޓުން ސާވިސް ޗާޖުގެ ގޮތުގައި ދީފައިވަނީ 629.53 ޑޮލަރެވެ. ލިސްޓުގެ ތިން ވަނައަށް ދުސިތު ތާނީ މޯލްޑިވްސް އޮތްއިރު އެ ރިސޯޓުން ކޮންމެ މުވައްޒަފަކަށް ސާވިސް ޗާޖުގެ ގޮތުގައި ދީފައި ވަނީ 690 ޑޮލަރެވެ.

މި ރިސޯޓްތަކުގެ އިތުރުން، ސާވިސް ޗާޖުގެ ގޮތުގައި ދެން އެންމެ ބޮޑު އަދެދެއް ދިން ރިސޯޓުތަކުގެގެ ތެރޭގައި ހިމެނެނީ އަނަންތަރާ ކިހާވަށް ވިލާސް، ވެލިގަނޑު އައިލެންޑް ރިސޯޓް، ވެލާ ޕްރައިވެޓް އައިލެންޑްގެ އިތުރުން ހުރަވަޅި އައިލެންޑް ރިސޯޓް އެވެ.

މި ދުވަސްވަރު ސާވިސް ޗާޖުގެ ގޮތުގައި ދޭ އަދަދު މަދު ވެފައި ވަނީ، މިއީ ރާއްޖޭގެ ޓޫރިޒަމްގެ އޮފް ސީޒަނަށް ވާތީ އެވެ.

މޯލްޑިވްސް ސަރވިސް ޗާޖު ވެބްސައިޓުން އާއްމުކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، ރާއްޖޭގައި އޮޕަރޭޓްކުރާ 152 ރިސޯޓެއްގެ ތެރެއިން 54 ރިސޯޓަކުން މިދިޔަމަހު ސަރވިސް ޗާޖުދިން ގޮތުގެ ތަފްސީލް ވަނީ ހާމަކޮށްފައެވެ. އޭގެ ތެރެއިން 22 ރިސޯޓަކުން ދިން ސަރވިސް ޗާޖު އުޅެނީ ފަސް ސަތޭކަ ޑޮލަރަށްވުރެ މަތީގައެވެ. 21 ރިސޯޓަކުން ދިން ސަރވިސް ޗާޖު އުޅެނީ 300 ޑޮލަރާއި 500 ޑޮލަރާއި ދެމެދުއެވެ. 11 ރިސޯޓަކުން ދިން ސަރވިސް ޗާޖު އުޅެނީ 170 ޑޮލަރާއި 270 ޑޮލަރާ ދެމެދުއެވެ.