ރާއްޖޭގެ ފިރިހެން ގައުމީ ވޮލީބޯޅަ ޓީމާއި ސްރީލަންކާގެ ފިރިހެން ގައުމީ ވޮލީބޯޅަ ޓީމު މި މަހުގެ 13 ވަނަ ދުވަހު ބައްދަލުކުރާ މެޗުގައި ޒުވާނުންގެ މަރުކަޒު އެއްކޮށް ފުރާލަދިނުމަށް ސަޕޯޓަރުންގެ ކިބައިން ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަހުލޫފް އެދިވަޑައިގެންފި އެވެ.

ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަހުލޫފްގެ ދައުވަތަކަށް ސްރީލަންކާގެ ގައުމީ ފިރިހެން ވޮލީ ޓީމު ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 11 އިން 15 އަށެވެ.

މި ދަތުރަކީ ނޭޕާލްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސެންޓްރަލް ޒޯން މުބާރާތުގެ ކުރިން ގައުމީ ޓީމަށް ވާދަވެރި މެޗުތަކެއް ކުޅުމަށް ފުރުސަތު ހޯދައިދިނުމުގެ ގޮތުން މަހުލޫފް ހޯއްދަވައިދެއްވި ފުރުސަތެކެވެ. އެގޮތުން ސްރީލަންކާގެ ގައުމީ ޓީމުން ރާއްޖެއާ ދެކޮޅަށް އެކުވެރިކަމުގެ ތިން މެޗު ކުޅޭނެ އެވެ.

މިއަދު ގައުމީ ފިރިހެން ވޮލީބޯޅަ ޓީމާ ބައްދަލުކުރެއްވުމަށްފަހު ވަޒީރު ވިދާޅުވީ މި މަހުގެ 13 ވަނަ ދުވަހު ކުޅޭ މެޗު ބަލާލުމަށް ވީހާވެސް ގިނަ ސަޕޯޓަރުން ޒުވާނުންގެ މަރުކަޒަށް ވަޑައިގެންނެވުމަށް އެދޭ ކަމަށާއި، ވޮލީބޯޅައިގެ ފޯރި އަލުން ފެށުމަކީ ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށެވެ. އަދި މި މެޗަށް ހާއްސަކޮށް ވޮލީބޯޅައިގައި ފާހަގަކޮށްލެވޭ ވ. އަތޮޅުންވެސް ސަޕޯޓަރުން މާލެ ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، މި މެޗުތަކުގެ ސަބަބުން ގައުމީ ޓީމަށް ރަނގަޅު ތަޖުރިބާތަކެއް ލިބިގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި ފިރިހެން ގައުމީ ވޮލީބޯޅަ ޓީމުގެ މުހައްމަދު ސާޖިދު ބުނީ ވޮލީބޯޅައިގެ ފޯރި ގެނައުމަށްޓަކައި ވަޒީރު އިސްނަންގަވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި ވޮލީއަށް ލިބިފައި އޮތް ރަނުގެ ފުރުސަތުގައި ވޮލީގެ އާއިލާއިން ދިވެހި ޓީމަށް ހިތްވަރު ދެއްވުމަށް ސާޖިދުވެސް ވަނީ އެދިފަ އެވެ.

ސެންޓްރަލް ޒޯން މުބާރާތައް ގައުމީ ވޮލީބޯޅަ ޓީމު ތައްޔާރުވަމުން އަންނައިރު، އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ކުރިން ގައުމީ ފިރިހެން ވޮލީ ޓީމުން ވަނީ ސާބިއާގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަކޮށްފަ އެވެ. އެ ކޭމްޕަކީ ވަޒީރު ސާބިއާއަށް ކުރެއްވި ދަތުރުފުޅެއްގައި ހޯއްދަވައިދެއްވި ފުރުސަތެކެވެ.