މާލޭގެ ރަސްފަންނު ސަރަހައްދުގައި ހަދާފައިވާ ޖޮގިން ޓްރެކަށް އާސަންދަ ކުންފުނިން ޚަރަދުކުރި ވާހަކަ އިވިވަޑައިގަތުމުން ހައިރާންވެވަޑައިގެންނެވި ކަމަށް ނިމިދިޔަ ސަރުކާރުގެ ހައުސިން މިނިސްޓަރ ުމުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ނިމިދިޔަ ސަރުކާރުގެ ދުވަސްވަރު ރަސްފަންނުގައި ޖޮގިން ޓްރެކް ހެދުމަށް އާސަންދަ ކުންފުނިން 9.5 މިލިއަން ރުފިޔާ ޚަރަދުކުރި ކަމަށާއި އެ ފައިިސާ އަނބުރާ ނުލިބޭ ކަމަށް އެ ކުންފުނިން ހާމަކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯން އެންޓަޕްރައިސަސް ކޮމެޓީގަ އެވެ. އެމަސައްކަތް ކުރިއަށް ގެންދިއުމުގައި ގާނޫނާ ޚިލާފް ކަންތައްތަކެއް ހިންގާފައި އެބަހުރި ކަމަށް ވެސް އާސަންދަ ކުންފުނީގެ ވެރިން މަޖިލީހުގެ ކޮމިޓީގައި އިއްޔެ ވަނީ ވިދާޅުވެފަ އެވެ.

މި މައްސަލަ އާއި ގުޅިގެން ވީނިއުސް އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މުއިއްޒު ވިދާޅުވީ ޖޮގިން ޓްރެކް ހެދުމަށް އާސަންދައިން ހަރަދު ކުރަން ޖެހޭ ސަބަބަބެއް ނުވިސްނޭ ކަމަށެވެ. ހަރަދު ކުރިކަން އެގުނީ ވެސް މަޖިލީހުގެ ކޮމެޓީއަށް ގޮސް އެ ކުންފުނީގެ ވެރިން އެ މައުލޫމާތު ހިއްސާކުރުމުން ކަމަށާ އެވާހަކަ އަޑުއިވިވަޑައިގަތުމުން ލިބިވަޑައިގަތީ ވަރަށް ބޮޑު ހައިރާންކަމެއް ކަމަށްވެސް ވިދާޅުވި އެވެ.

"ކުރިން އެނގިފައެއް ނެތް އާސަންދަ މީގެ ތެރެއަށް އަންނަންވީ ސަބަބެއް. އެއީ އަޅުގަނޑުމެން ޖޮގިން ޓްރެކް ހަދާނެ ބަޔަކު ހޯދުމަށް ހަވާލުކުރީ އެންސްޕާއާ. އާސަންދަ އެއީ އަދި ވަކި އެހެން ކުންފުންޏެއް. އެންސްޕާއިން ބަޔަކު ހޯދީމަ އަޅުގަޑުމެންގެ ސްޓާފުން އެ ބަޔަކާ ކޯޑިނޭޓް ކުރީ. އަދި އަޅުގަނޑުމެން އެދިފައިވާނީ 3 މިލިއަނަށް ވުރެ އިތުރު ނުވާނެ ގޮތަކަށް ހަރަދު ކުރުމަށް. އެކަމަކު އާސަންދަ ކުންފުނިން އެބުނީ 9.5 މިލިއަނޭ ތިންގުނަ އިތުރު އަދަދެއް. އަދި އެ މަސައްކަތް ކުރި އިރުވެސް ފެންވަރާ ދޭތެރޭގައި މިނިސްޓްރީން ދިޔައީ ހިތްހަމަނުޖެހުން ފާޅުކުރަމުން. އެހެންވީމަ އެތަނާ ހަވާލު ނުވީވެސް. އަޅުގަނޑުމެން ސަރުކާރު ނިމުނު އިރުވެސް ހަވާލެއް ނުވަން ޓްރެކަކާ. އަސްލު ހަގީގަތަށް ބުނާނަމަ މަސައްކަތް ނުވެސް ނިންމަ،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ ޓްރެކް ހެދުމަށް އެ މިނިސްޓްރީން އެެއްވެސް ބިޑެއްވެސް ހުޅުވާލާފައި ނުވާނެ ކަމަށެވެ. ހުރިހާ ކަމެއްވެސް ހަވާލުކުރީ އެންސްޕާ ކުންފުންޏާ ކަމަށާއި، އަދި އާސަންދަ ކުންފުނިން އެ މަސައްކަތަށް ހަރަދު ކުރި ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށްވެސް ވިދާޅުވި އެވެ. މިފަދަ ޕޮރޮޖެކްޓަކަށް އާސަންދައިން ހަރަދު ކުރި ވާހަކަ އަޑުއިވިވަޑައިގެން މިއީ ފުރަތަމަ ފަހަރު ކަމަށްވެސް ވިދާޅުވި އެވެ.

މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސިސް (އެސްއޯއީ) ކޮމެޓީގައި ކުންފުނީގެ މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތު ހިއްސާކުރައްވަމުން އާސަންދަ ކުންފުނީގެ އެސިސްޓެންޓް މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު ވިދާޅުވީ ނިމިދިޔަ ސަރުކާރުގެ ދުވަސްވަރު އެ ކުންފުނިން ކޮށްފައިވާ ޚަރަދުތަކަށް ބަލާއިރު ރަސްފަންނުގައި ދުވާ ޓްރެކެއް ހެދުމަށް އާސަންދައިގެ ބަޖެޓުން 9.5 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށެވެ. އަދި އެ ބަޖެޓް ދިންކަން ލިޔެކިޔުންތަކުން ފެންނަން އެބަހުރި ކަމަށާއި، ނަމަވެސް މިހާތަނަށް އައި އިރުވެސް އެ ފައިސާ ކުންފުންޏަށް ލިބިފައި ނުވާ ކަމަށެވެ.

ނިމިދިޔަ ސަރުކާރުން ރަސްފަންނުގައި ދުވާ ޓްރެކް ތަރައްގީކުރީ ވިސްޓާރިޔާ ސިންގަޕޫރު ލިމިޓެޑް ކިޔާ ކުންފުންޏަކާ ހަވާލުކޮށްގެންނެވެ. އަދި އެ މަސައްކަތް އޭޕްރީލް 2016 ގައި ފެށި ނަމަވެސް، މަސައްކަތް ނިންމިއިރު ހައުސިން މިނިސްޓްރީން ހަވާލުކުރި ފެންވަރަށް އެ ތަން ނިންމާފައި ނުވާތީވެ، އެކި ފަހަރު މަތިން ޓްރެކް މަރާމާތުކޮށްފައިވެ އެވެ.