ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (ޑީއާރުޕީ) އަށް 3000 މެންބަރުން ހަމަވުމަކީ ލިބުނު ކާމިޔާބީއެއް ކަމަށާއި، ޑީއާރުޕީ ވަރުގަދަކޮށް 2023 ގައި ކެންޑިޑޭޓެއް ނެރުއްވާނެ ކަމަށް، އެޕާޓީގެ ލީޑަރ އަދި ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޑިއާރުޕީގެ ލީޑަރޝިޕުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ޕީޖީ ލީޑަރުކަންވެސް ކުރައްވަމުން ގެންދަވާ ޖާބިރު ވިދާޅުވީ، އެޕާޓީއަށް މިހާރު 3000 މެންބަރުން ހަމަވެފައިވާކަން އިލެކްޝަންސް ކޮމިޝަނުން މިއަދު އަންގާފައިވާ ކަމަށެވެ. އެއީ އެމަނިކުފާނު ޑީއާރުޕީ އާއި ހަވާލުވެ މިވީ ކުޑަ ދުވަސްކޮޅުގެތެރޭގައި ލިބުނު ބޮޑު ކާމިޔާބީއެއްކަން ފާހަގަކުރައްވާ ޖާބިރު ވިދާޅުވީ، އިތުރަށް ޕާޓީ ޕްރޮމޯޓް ކުރުމަށް ހަރަކާތްތަކެއް ފަށާފައިވާ ކަމަށާއި، ދެން ކުރިއަށް އޮންނާނީ ޑީއާރުޕީގެ ރަން ޒަމާން ކަމަށެވެ.

އެހެންކަމުން އިތުރަށް ޕާޓީގެ ހަރަކާތްތައް ކުރިއަށްގެންދިއުމަށް މާދަމާ ސައިކަލް ބުރެއް ބާއްވާނެ ކަމަށާއި، އެ ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު ހުރިހާ ބޭފުޅުންނަށް އަދި ވަކިން ހާއްސަކޮށް ޑީއާރުޕީގެ ކުރީގެ މެންބަރުންނަށް އޮންނާނެ ކަމަށެވެ.

މީގެ އިތުރަށް ޖާބިރު ވިދާޅުވީ މަޖިލީހުގައި ކާށިދޫ، ގާފަރު އަދި ޑީއާރުޕީ ތަމްސީލުކުރަމުންދާއިރު، އިތުރަށް ޕާޓީގެ ހަރަކާތްތައް އިތުރުކުރުމަށް، ގއ. ގދ އަދި އައްޑުއާއި ފުވައްމުލަކަށް ވަޑައިގަންނަވާނެ ކަމަށެވެ. މީގެ އިތުރަށް ޖާބިރު ވިދާޅުވީ، ޑީއާރުޕީގެ އައު ލީޑަރޝިޕުގެ ދަށުން އެ ޕާޓީ ދާނީ ވަރަށް ބާރަށް ކުރިއަށް ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރަށް ވަރަށް އަވަހަށް މަޖިލީހުގެ އިތުރު 7 މެންބަރު ޑީއާރުޕީ އާއި ގުޅިވަޑައިގެން މައިނޯރިޓީ ޕާޓީއެއްގެ ގޮތުގައި ވެގެންދާ މަންޒަރު ފެނިގެންދާނެ ކަމަށްވެސް ޑީއާރުޕީގެ ލީޑަރ އަދި ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ވިދާޅުވިއެވެ. އަދި 2023 ގައި ޑީއާރުުޕީ ގައި 80،000 މެންބަރުން ހަމަކޮށް ރިޔާސީ އިންތިޚާބުގައި ޑީއާރުޕީގެ ފަރާތުން ކެންޑިޑޭޓަކު ނެރުއްވާނެ ކަމަށްވެސް ޖާބިރު ވަނީ ވިދާޅުވެފައެވެ.