މިއީ މިލަދުންމަޑުލު ދެކުނުބުރީ މާފަރުގައި އަބޫދާބީ ފަންޑް ފޯރ ޑިވެލޮޕްމަންޓުގެ އެހީގައި ތަރައްގީކޮށް މިހާރު މުޅިން ނިމިފައިވާ ބައިނަލްއަގުވާމީ އެއަރޕޯޓެވެ. މިއީ މާފަރުގެ ރައްޔިތުން އެތަނަކަށް އިންތިޒާރުކުރާތާ ދިހަ އަހަރަށްވުރެ ގިނަ ދުވަސްވީފަހުން ކުލަޖެހި ހަގީގަތަކަށްވެފައިވާ މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓެވެ. މިއީ މުޅި މިލަދުންމަޑުލަށް ތަރައްގީއާއި ފަހިކަން ވަދެގެންދާނެ ޒަމާނީ މައިދޮރާށްޓެވެ.

މާފަރުގެ ރައްޔިތުން މި އެއަރޕޯޓަށް އެދޭތާ އެތައް ދުވަހެކެވެ. އެއަރޕޯޓެއް އަޅައިދޭނަމޭ ދޭނަމޭ ބުނުންފިޔަވައި ސަރުކާރުން މާބޮޑުކަމެއް ނުކުރާތީ ރަށުގެ ރައްޔިތުން ނިކުމެ އެތަކެއްފަހަރު އިހުތިޖާޖުވެސް ކުރިއެވެ. މިއަދު ދިވެހިރާއްޖޭގައިވާ އެންމެ ފެންވަރު ރަގަޅު ސަރަހައްދީ އެއަރޕޯޓުގެ ގޮތުގައި މިތަން ތަރައްގީކޮށް ނިންމައިދިނީ ސިންގަޕޫރުގެ ކުންފުންޏެއް ކަމުގައިވާ ޓަފް އޮފްޝޯރ އިންޖިނިއަރިން ސާވިސަސް ޕްރައިވެޓް ލިމިޓެޑުންނެވެ. ޓަފުން މި މަޝްރޫއާ ހަވާލުވީ 24 ޑިސެމްބަރު 2017 ގައެވެ. އެހެންކަމުން މިހާރު ފެންނާން މިއޮތް އެއަރޕޯޓް މިއަދުވެސް އޮޕަރޭޓް ކުރަން ފެށޭވަރަށް ތަރައްގީކޮށް ނިމިފައި މިއޮތީ ޓަފުން އެމަސައްކަތާ ހަވާލުވިތާ ދޮޅުއަހަރުގެ ތެރޭގައެވެ. މިމަސައްކަތް ދިވެހިސަރުކާރުން ދިވެހިރާއްޖޭގެ ދެ ކުންފުންޏަކާވެސް ކުރިން ހަވާލުކުރިއެވެ. އެކަމަކު ހަމައެެއްކަމެއްވެސް ނުކުރެވިފައިވަނިކޮށް މިމަޝްރޫއު މިފެންނަ ފެންވަރަށް ނިންމައިދިނީ ޓަފުންނެވެ.