ތަހުގީގީ އިދާރާތަކުން އެދިއްޖެ ނަމަ، ބޭންކުގެ ކަސްޓަމަރުންގެ މައުލޫމާތު އެ ފަރާތްތަކަށް ދިނުމަށް އޮތް ގާނޫނީ ހުރަސް ސިވލް ކޯޓުގެ ހުކުމުގެ ސަބަބުން ނެތިގެން ގޮސްފި ކަމަށާއި އެއީ ބޭންކުން ވެސް އެ މައްސަލަ ކޯޓަށް ހުށަހެޅި ބޭނުން ކަމަށް ބީއެމްއެލްއިން ބުނެފި އެވެ.

ސިވިލް ކޯޓުން މި ގޮތަށް ނިންމީ ކޯޓު އަމުރެއް ނެތި ރިޔާސީ ކޮމިޝަނަށް މަޢުލޫމާތު ދިނުމަށް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ދެކޮޅުހަދައި ސިވިލް ކޯޓަށް ހުށައެޅި މައްސަލަ ނިންމައި އެބޭންކާ ދެކޮޅަށްކުރި ހުކުމުގައެވެ.

އެ މައްސަލައިގައި ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނީ، ބޭންކިން އާ ބެހޭ ގާނޫނުގެ 41 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ތަހުގީގީ އިދާރާއަކުން ލިޔުމުން އެދިއްޖެ ނަމަ، ކޯޓް އަމުރެއް ނެތިވެސް، ބޭންކުގެ ކަސްޓަމަރުންގެ އެކައުންޓްތަކާއި، ޑިޕޮސިޓްތަކާއި، ޓްރަސްޓްތަކާއި، ސޭފް ޑިޕޮސިޓް ބޮކްސްތަކުގެ މައުލޫމާތުތައް އެ ފަރާތްތަކަށް ފޯރުކޮށްދޭންޖެހޭނެ ކަމަށެވެ. އަދި އެކަމަށް ކޯޓު އަމުރެއް ބޭނުން ނުވާނެ ކަމަށް ވެސް ހުކުމުގައިވެ އެވެ.

އެ ހުކުމާ ގުޅިގެން ބީއެމްއެލްއިން ނެރުނު ބަޔާނުގައި ބުނީ ސިވިލް ކޯޓުގެ ހުކުމުގެ ސަބަބުން ތަހުގީގީ އިދާރާތަކަށް މައުލޫމާތު ފޯރުކޮށްދިނުމުގައި ބީއެމްއެލް އިން އަމަލުކުރަންޖެހޭ ކަމަށް ބޭންކުން ގަބޫލުކުރާ ގޮތާއި ތަހުގީގީ އިދާރާތަކުން ދެކޭ ގޮތާމެދު އުފެދިފައިވާ ހިލާފު ނެތިގެން ގޮސްފައިވާ ކަމަށެވެ.

ބީއެމްއެލް އިން ބުނީ ތަހުގީގީ އިދާރާއަކުން އެދޭ މައުލޫމާތެއް ދިނުމުގެ ސަބަބުން ބޭންކާމެދުވެސް އަދި ބޭންކުގެ މުވައްޒަފަކާ މެދުވެސް އެއްވެސް ފަރާތަކަށް ޝަރުއީ މައްސަލައެއް ހުށަނޭޅޭނެކަން މިހާރު ކަށަވަރު ކުރެވިފައިވާ ކަމަށެވެ. މިއީ އެ ބޭންކުން ސިވިލް ކޯޓަށް މި މައްސަލަ ހުށަހަޅަން ޖެހުނު މައިގަނޑު ސަބަބުކަން ފާހަގަކޮށް ބީއެމްއެލް އިން ބުނީ ސިވިލް ކޯޓުން މިގޮތަށް ކަނޑަ އެޅުމާއެކު މި މައްސަލަ އަކީ އެ ބޭންކުން މަތީ ކޯޓެއްގައި އިސްތިއުނާފްކުރަން ބޭނުންވާ މައްސަލައެއް ނޫން ކަމަށެވެ.

ބީއެމްއެލް އިން ވަނީ ބޭންކިންއާ ބެހޭ ގާނޫނާއި ގަވާއިދުތަކާއި ކަނޑައެޅިފައިވާ އުސޫލުތަކާއި އެއްގޮތަށް ތަހުގީގީ އިދާރާތަކަށް ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން އަރުވާފައެވެ.