ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބަންދެއްގައި ހުއްޓައި އަނެއްކާވެސް އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރަން ސުޕްރީމް ކޯޓުން އަމުރު ނުކުރެވޭނެ ކަމަށް އަދީބުގެ ވަކީލު އިސްމާއިލް މުހައްމަދު ވިދާޅުވެއްޖެ އެވެ.

ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ނެރެފައި އޮއްވައި އަދީބު ފިލައިގެން ރާއްޖޭން ބޭރަށް ވަޑައިގަންނަވަނިކޮށް އޭނާ ހުއްޓުވައި، ރާއްޖެ ގެނެސް ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން އޭނާ މިހާރު ހުރީ 15 ދުވަހަށް ބަންދުކޮށްފަ އެވެ.

ސުޕްރީމް ކޯޓުގައި ކުރިއަށްދާ މާބިންހުރާ މައްސަލައިގެ އިސްތިއުފާނު ޝަރީއަތް ނިމެންދެން އަދީބު ބަންދު ކުރަން ދައުލަތުން އެދުމުން، މިއަދު އޮތް އަދީބުގެ ޝަރީއަތައް ފަހު ވަކީލް އިސްމާއިލް މުހައްމަދު ވިދާޅުވީ، އަދީބު ހުކުމް ތަންފީޒު ކުރަން ބަންދުގައި ހުއްޓައި އޭނަގެ ބަންދާ މެދު ގޮތެއް ކަނޑައަޅަން ނުޖެހޭނެ ކަމަށެވެ.

އެއީ މީގެ ކުރިން ސުޕްރީމް ކޯޓުން ކޮށްފައިވާ ކަމެއްވެސް ނޫން ކަމަށާއި އެއީ ކުރެވޭނެ ކަމެއްވެސް ނޫން ކަމުގައި އަދީބުގެ ވަކީލު ވިދާޅުވިއެވެ. އަދި ދައުލަތަށް ހެދުނު ގޯސް ސާފުކޮށް، ދައުލަތުން މިއަދު ވަނީ ސުޕްރީމް ކޯޓަށް ސިޓީއެއްވެސް ފޮނުވާފައި ކަމުގައި އޭނާ ވަނީ ވިދާޅުވެފައެވެ.

އަދީބު ބަންދުގައި ބަހައްޓަން ޖެހޭ ނަމަ ބަހައްޓަން ޖެހޭނީ ގޭބަންދުގައިކަން ފާހަގަ ކުރައްވަމުން ވަކީލް އިސްމާއިލް ވިދާޅުވީ، އަދީބު މިހާރު ޖަލުގަިއ ބައްހައްޓަވާފައި ހުންނަ ގޮޅި އަކީ ވަރަށް ކުޑަ ގޮޅިއެއް ކަމަށާއި އެއީ އިންސާނަކު ބަހައްޓަން ހެޔުވާވަރުގެ ގޮޅިއެއް ނޫން ކަމަށެވެ.

ޅ. މާބިންހުރާ ކުއްޔަށް ދޫކޮށްގެން ލިބެންޖެހޭ ފައިސާގެ މައްސަލައިގައި އަދީބަށް އިއްވި 8 އަހަރު ދުވަހު ޖަލު ހުކުމް ހައި ކޯޓުން ބާތިލުކުރި މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި ވަނީ އިސްތިއުނާފުކޮށްފަ އެވެ. އެ މައްސަލަ ނިމެންދެން އަދީބު ބަންދު ކުރުމަށާއި ޕާސްޕޯޓް ހިފަހައްޓަން ދައުލަތުން ކުރިން ވެސް އެދުނެވެ. އެކަމަކު ކޯޓުން މިހާތަނަށް ނެރެދީފައި ވަނީ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް އެކަންޏެވެ. އަދި ޝަރީއަތް ނިމެންދެން ބަންދުކުރުމުގެ އަމުރެއް ނެރެ ނުދީ އޮތީ ކުރިން އެހެން ބަންދެއްގައި އަދީބު ހުންނެވުމުން ކަމަށް ސުޕްރީމް ކޯޓުން ވަނީ ބުނެފަ އެވެ.

ދައުލަތުން އިސްތިއުނާފްކުރި މައްސަލައިގެ ޝަރީއަތް ސުޕްރީމް ކޯޓުގައި މިމަހުގެ ހަ ވަނަ ދުވަހު ފެށުމާ އެކު، ދައުލަތުން ބުނީ އަދީބު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް ކުރިން ވެސް އެދިފައިވާނެ ކަމަށެވެ. މިހާރު އެހެން ބަންދެއްގައި އަދީބު ހުންނެވިޔަސް، އެ ބަންދަށް ކްރިމިނަލް ކޯޓާއި ހައި ކޯޓުން ވެސް ބަދަލެއް ގެނެސްފާނެ ކަމަށާއި އެހެންވެ، ޝަރީއަތް ނިމެންދެން އަދީބު ބަންދުގައި ބަހައްޓަން އެދޭ ކަމަށް ދައުލަތުން ވަނީ ބުނެފައެވެ. އަދި ފުރުން މަނާކޮށް ނެރެފައިވާ އަމުރަކާ އަދީބް ޚިލާފްވެފައިވާތީ މި ހާލަތުގައި އެންމެ ރަނގަޅު ވާނީ އަދީބުގެ ބަންދާ މެދު ސުޕްރީމް ކޯޓުން ގޮތެއް ނިންމުން ކަމަށްވެސް ދައުލަތުން ވަނީ ބުނެފަ އެވެ.

މާބިންހުރާގެ މައްސަލަ އަކީ ވެސް އެމްއެމްޕީއާރުސީގެ މައްސަލައިގެ ތެރެއިން އެއް މައްސަލަ ކަން ފާހަގަކުރައްވައި، މިމަހުގެ ހަ ވަނަ ދުވަހު އޮތް ޝަރީއަތުގައި އަދީބު ވިދާޅުވީ އެ މައްސަލަ އަކީ ތަހުގީގު ފުރިހަމަވެފައި ނުވާ މައްސަލައެއް ކަމަށެވެ. އެ މައްސަލާގައި ކުރިން އޭނާ ޖަލަށްލީ ސިޔާސީ ބޭނުމެއްގައި ކުރީގެ ސަރުކާރުން ކަމަށާއި މިހާރު އެ މައްސަލައިގެ ތަހުގީގު ވެސް ފުރިހަމަ ކުރުމަށްޓަކައި ދައުލަތާ އެކު ހެދި އެއްބަސްވުމުގެ ދަށުން އެއްބާރުލުން ދެއްވާ ކަމަށް އަދީބު ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ދައުލަތުން ބުނީ އަދީބާއި ދައުލަތާ ދެމެދު އެއްބަސްވުމެއް އޮތަސް، މާބިންހުރާގެ މައްސަލައަކީ އެ އެއްބަސްވުމުގެ ތެރޭގައި ހިމެނޭނެ މައްސަލައެއް ނޫން ކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައި އޮންނާނެ ކަމަށެވެ.މިމައްސަލަ ސުޕްރީމް ކޯޓުން ބައްލަވަނީ އުއްތަމަ ފަނޑިޔާރުގެ އިތުރުން ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ.