ނޫސްވެރިޔާ އަހުމަދު ރިޟުވާނު އަބުދުއްﷲ ވަގަށް ނަގައި ގެއްލުވާލި، ޓެރަރިސްޓް ގުރޫޕު ވަނީ ހެއްކާއި އެކު ހޯދިފައި ކަމުގައި މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.

ސުޢޫދު މިހެން ވިދާޅުވީ، ރިޟުވާނު ވަގަށް ނެގިތާ މިއަދަށް 5 އަހަރު ފުރުމާއި އެކު ކޮމިޝަނުގެ މަސައްކަތްތަކުގެ މައުލޫމާތު ހާމަކުރައްވައި ކުރެއްވި ޓުވީޓެއް ގައެެވެ.

ވީނިއުސް އާއި ވާހަކަފުޅު ދައްކަވަމުން ސުއޫދު ވިދާޅުވީ، ރިޟުވާނު ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުންނާއި އެކަމުގެ ފަހަތުގައި ތިބި ފަރާތްތަކާއި އެކަން ކުރި ގޮތުގެ މުހިއްމު މައުލޫމާތާއި ހެކި ކޮމިޝަނަށް ހޯދިފައިވާ ކަމަށެވެ.

އަދި މިހިނގާ އޮގަސްޓް މަސް ނިމުމުގެ ކުރިން އެކަމުގެ މައުލޫމާތުތައް ހާމަކުރައްވާނެ ކަމުގައި ވެސް ސުއޫދު ވިދާޅުވިއެވެ.

ސުޢޫދު ވިދާޅުވީ، ވަޅިން ބިރުދައްކައި ރިޟުވާނު ދިރިއުޅޭ ފުލެޓް ކުރިމަތިން ރަހީނުކޮށްގެން ގެންދިޔުމަށްފަހު އޭނާއަށް ހެދިގޮތެއް ހޯދުމަށްޓަކައި އަދިވެސް ތަހުޤިޤުތައް ކުރަމުންދާ ކަމަށާއި، އެކަމާއި ގުޅޭ ގޮތުން ލިބެމުންދާ މައުލޫމާތުތައް ސައްޙަތޯ ބަލަމުންދާ ކަމަށެވެ.

ސުޢޫދު ވިދާޅުވީ، ރިޟުވާނު ވަގަށް ނަގައި ގެއްލުވާލި "ޓެރަރިސްޓް ގުރޫޕަށް" ދައުވާ ކުރެވޭ ވަރަށް ހެކި ހޯދިފައިވާ ކަމަށާއި އެފަރާތްތަކާއި ދެކޮޅަށް ދައުވާކުރާނެ ކަމަށެވެ.

އަދި ކޮމިޝަނަށް ހޯދިފައިވާ މައުލޫމާތު ހާމަކުރެއްވުން ލަސްކުރައްވަނީ، އެކަމުގައި ޝާމިލްވި ފަރާތްތައް ހައްޔަރުކޮށް ބަންދުކުރުމުގެ ކުރިން މައުލޫމާތު ހާމަކުރުމުން ނުކުމެދާނެ ނަތީޖާއަށް ބެއްލެވުމަށް ފަހުގައި ކަމަށެވެ.

ރިޟުވާން ވަގަށް ނަގާފައި ވަނީ، 2014 އޮގަސްޓް 7 ވީ ބުރާސްފަތި ދުވަހުގެ ރޭ މެންދަމުން އަލިވެ، 1:00 އާއި 2:00 އާއި ދެމެދުގެ ވަގުތެއް ގައެވެ.

ރިޟުވާނު ވަގަށް ނެގުމަށްފަހު އެމީހުން އޭނާއަށް ހެދިގޮތެއް މިހާތަނަށް ރަސްމީ ސިފައެއްގައި ހޯދިފައެއް ނުވެއެވެ.