ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޝަރީއަތް ނިމެންދެން ޖަލެއްގައި ބަންދު ކުރުމަށް ސުޕްރީމް ކޯޓުން މިއަދު ވަގުތީ އަމުރެއް ނެރެފި އެވެ.

އަދީބާ ދެކޮޅަށް ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ މައްސަލައިގެ ޝަރީއަތް ނިމެންދެން އަދީބު ބަންދުގައި ބަހައްޓަން ދައުލަތުން ސުޕްރީމް ކޯޓުގައި އެންމެ ފަހުން އެދިފައި ވަނީ މިމަހުގެ ފަސް ވަނަ ދުވަހު އެވެ.

ޅ. މާބިންހުރާ ކުއްޔަށް ދޫކޮށްގެން ލިބެންޖެހޭ ފައިސާގެ މައްސަލައިގައި އަދީބަށް އިއްވި 8 އަހަރު ދުވަހު ޖަލު ހުކުމް ހައި ކޯޓުން ބާތިލުކުރި މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި ވަނީ އިސްތިއުނާފުކޮށްފަ އެވެ.

ސުޕްރީމް ކޯޓުން މިއަދު ނެރުނު ވަގުތީ އަމުރުގައި ބުނެފައި ވަނީ އަދީބު ޝަރީއަތް ނިމެންދެން ރިމާންޑް ޖަލެއްގައި ބަންދު ކުރީ ދައުލަތުން އިސްތިއުނާފުކޮށްފައިވާ ޅ. މާބިންހުރާގެ މައްސަލަ ނިމެންދެން ކަމަށެވެ. އަދި އެ އަމުރު ނެރުނީ އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމަށް މީގެ ކުރިން ސުޕްރީމް ކޯޓުން އަމުރެއް ނެރެފައިވަނިކޮށް އޭނާ ފިލައިގެން ގޮސްފައިވާތީ، އަދިވެސް އޭނާ ފިލާފާނެ ކަމުގެ ފުރުސަތު އަދިވެސް އޮތުމުން ކަމަށް ވެސް ސްޕްރީމް ކޯޓުގެ އަމުރުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން ސްޕްރީމް ކޯޓުގެ އަމުރުގައި ބުނެފައި ވަނީ އަދީބު ޖަލުގައި ބަންދުކޮށްފައި ބެހެއްޓުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މައްޗަށް އަންގައި އަމުރުކުރާ ކަމަށާއި އަދި އެ އަމުރު ކަރެކްޝަންސްއަށް ރައްދު ކުރެވޭ ވަގުތުން ފެށިގެން، ކްރިމިނަލް ކޯޓުން އަދީބު 15 ދުވަހަށް ބަންދުގައި ބަހައްޓަން ނެރެފައިވާ އަމުރަށް އަމަލުކުރަން ނުޖެހޭނެ ކަމަށެވެ.

އަދީބުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ނެރެފައި އޮއްވައި އަދީބު ފިލައިގެން ރާއްޖޭން ބޭރަށް ވަޑައިގަންނަވަނިކޮށް އޭނާ ހުއްޓުވައި، ރާއްޖެ ގެނެސް ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުންނެވެ. އަދި އަދީބު މިހާރު ބަންދުގައި ހުންނެވީ ފުރުން މަނާ ކުރުމުގެ އަމުރާ ހިލާފްވި މައްސަލާގައިތޯ ފަނޑިޔާރުންގެ ބެންޗުން ސުވާލު ކުރެއްވުމުން ދައުލަތުން ބުނީ އެއީ އެހެން މައްސަލައަކާ ގުޅިގެން ކަމަށެވެ. އަދި މިހާރު އޭނާ ދޫކޮށްލައިފި ނަމަ، މުޖްތަމައަށް ނުރައްކާވުމުގެ އިތުރުން ފިލައިގެން ދިއުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް ދައުލަތުން ބުންޏެވެ.

ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ވެސް ޕްރޮސިކިއުޓާ ޖެނަރަލްގެ ވަކީލް ވަނީ ކުރިމިނަލް ކޯޓުން ވެސް ބަންދު އަމުރު ނެރެފައިވަނީ އަދީބު ފިލަން އުޅުނު މައްސަލާގައި ކަމަށް ވިދާޅުވެފަ އެވެ

އަދީބު ބަންދެއްގައި ހުއްޓައި އަނެއްކާވެސް އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރަން ސުޕްރީމް ކޯޓުން އަމުރު ނުކުރެވޭނެ ކަމަށް އަދީބުގެ ވަކީލު އިސްމާއިލް މުހައްމަދު މިއަދު ވަނީ ވިދާޅުވެފައެވެ. މިއަދު އޮތް އަދީބުގެ ސަރީއަތައްފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ އަދީބުގެ ވަކީލް ވިދާޅުވީ އެއީ މީގެ ކުރިން ސުޕްރީމް ކޯޓުން ކޮށްފައިވާ ކަމެއްވެސް ނޫން ކަމަށާއި އެއީ ކުރެވޭނެ ކަމެއްވެސް ނޫން ކަމަށެެވެ. އަދި ދައުލަތަށް ހެދުނު ގޯސް ސާފުކޮށް، ދައުލަތުން މިއަދު ވަނީ ސުޕްރީމް ކޯޓަށް ސިޓީއެއްވެސް ފޮނުވާފައި ކަމުގައި ވެސް އަދީބުގެ ވަކީލް މިއަދު ވަނީ ވަނީ ވިދާޅުވެފައެވެ.

މިމައްސަލަ ސުޕްރީމް ކޯޓުން ބައްލަވަނީ އުއްތަމަ ފަނޑިޔާރުގެ އިތުރުން ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ.