ނޫސްވެރިޔާ އަހުމަދުރިލްވާނު އަބްދުﷲ ގެއްލުވާލި މައްސަލަ އިސްތިއުނާފުކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް ފޮނުވާފައި ނުވާކަމަށް ހައިކޯޓުން ބުނި ބުނުން ޕީޖީ ދޮގުކުރައްވައިފިއެވެ.

މިމަހުގެ 6 ވަނަ ދުވަހު ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ހާޒިރުކޮށް މެމްބަރުން ދެންނެވި ސުވާލުތަކަށް ޖަވާބުދެއްވަމުން ޕީޖީ ވިދާޅުވެފައިވަނީ ނޫސްވެރިޔާ ރިލްވާން ގެއްލުވާލި މައްސަލަ އިސްތިއުނާފު ކުރުމަށް އެދިފައިވާ ކަމަށެވެ. ރިލްވާން ރަހީނުކުރި ކަމަށް ބުނެ ޕީޖީއިން ދެ މީހެއްގެ މައްޗަށް ދައުވާކުރި އެވެ. ނަމަވެސް ކުރިމިނަލް ކޯޓުން ވަނީ އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ނިންމާފައެވެ. ޕީޖީ އޮފީހުން ބުނީ މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް އެދިފައިވާނެ ކަމަށެވެ.

އެހެންނަމަވެސް މިކަން ސާފު ކުރުމަށް ރިލްވާނުގެ އާއިލާއިން ހައިކޯޓަށް ހުށަހެޅި ސިތީގެ ޖަވާބުގައި އެކޯޓުގެ ރަޖިސްޓްރާގެ މަސްއޫލިއްޔަތާ ހަވާލުވެ ހުންނެވި މަރްޔަމް އަފްޝާ ސޮއި ކުރައްވައި ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ ރިލްވާންގެ މައްސަލަ އިސްތިއުނާފު ކުރުމަށް ނުވަތަ އިސްތިއުނާފު ކުރުމުގެ ހުއްދައަކަށް ދައުލަތުން އެދިފައިވާ ކަމަށް މި ކޯޓުގެ ރެކޯޑްތަކުން ފެންނަން ނެތްކަމަށެވެ.

މިކަމާއި ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ރޭކުރި ޓުވީޓެއްގައިވަނީ ދައުލަތުން އެ މައްސަލަ އިސްތިއުނާފުކުރުމަށް ހުއްދައަށް އެދި ހުށަހެޅި ތަފްސީލުތައް އާންމުކޮށްފައެވެ. ޓުވީޓުގައި ބުނެފައިވަނީ ދައުވާ ކުރި ދެމީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ހުކުމްކުރީ މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ ދެވަނަ ދުވަހު ކަމަށާއި ހަމަ އެ ދުވަހު މައްސަލަ އިސްތިއުނާފުކުރުމުގެ ހުއްދައަކަށް އެދިފައިވާ ކަމަށެވެ. އަދި އޭގެ ހަތަރު ދުވަސް ފަހުން ހަމަ އެމަހުގެ 6 ވަނަ ދުވަހު ހައިކޯޓުން އެ އެދުމަށް ޖަވާބުވެސް ދީފައިވާ ކަމަށެވެ. އެހެންނަމަވެސް ހައިކޯޓުން ޖަވާބުގައި ބުނެފައިވާ އެއްޗެއް ޕީޖީ ހާމަކުރައްވާފައެއް ނުވެއެވެ.

މިދިޔަ މަހުގެ 6 ވަނަ ދުވަހު ޕީޖީ ބިޝާމް ކޮމިޓީއަށް ހާޒިރުކޮށް މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ޕީޖީ ވިދާޅުވީ އެ މައްސަލާގައި ކަންބޮޑުވާ އެތައްކަމެއް ފާހަގަވެފައިވާ ކަމަށެވެ. އެ ކަންބޮޑުވުންތައް އޭރުގެ ކޮމިޝަނާ އޮފް ޕޮލިސް އަދި އޭރުގެ ރައީސް އަބްދުﷲ ޔާމީންއަށް ސިޓީއަކުން ހިއްސާ ކުރައްވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި އެ މައްސަލައިގެ ޝަރިއަށް ކުރިއަށް ގެންގޮސްފައިވަނީ އެންމެ ރަނގަޅަށް ނޫންކަން ފާހަގަކުރައްވައި އެންމެ ފުރަތަމަ މަރުހަލާގައިވެސް ފުރިހަމަ ކުރަން ޖެހޭ އެތައް ކަމެއް އެބަހުރި ކަމަށް އެކަމަނާ ވިދާޅުވިއެވެ. އަދި ސިޓީގ ކޮޕީއެއް މަޖިލީހަށް ހުށަހަޅާފައިވާނެ ކަމަށްވެސް ޕީޖީ ވަނީ ވިދާޅުވެފައެވެ.

މައްސަލައިގެ ދައުވާގައި ދިމާވި އެންމެ ބޮޑު އެއް މައްސަލައެއްގެ ގޮތުގައި ޕީޖީ ފާހަގަކުރައްވާފައިވަނީ މައްސަލައަށް ދައުވާ ކުރަން ލިބޭ މުއްދަތު ކުޑަތަން ވެފައިވަނިކޮށް ފުލުހުން މައްސަލަ ޕީޖީ އޮފީހަށް ގެނައުމެވެ. އެކަމަނާ ވިދާޅުވިގޮތުގައި ފުލުހުން އެ މައްސަލަ ޕީޖީއަށް ގެންދިޔައީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލު ކުރަން ފެށުމާއެކު ވަކި މުއްދަތެއްގެ ތެރޭގައި ދައުވާ ކުރަން ޖެހޭ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ވެގެން ދިޔުމުންނެވެ. އަދި މައްސަލާގައި ދައުވާކުރީ އެ މުއްދަތު ހަމަވުމުގެ ކުރިން ކޯޓަށް ފޮނުވުމުގެ ބޭނުމުގަ ކަމަށް ވިދާޅުވެފައިވެއެވެ.