ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ނިލަންދޫ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅޭ މެޗު ފަސޭހަކަމާއެކު ޓީސީ ސްޕޯޓްސް ކްލަބަށް ނެގޭނެ ކަމަށް އެޓީމުގެ ކޯޗު މުހައްމަދު އާތިފް (އާތީ) ބުނެފި އެވެ.

ލީގުގައި މިރޭ ނިލަންދުއާ ދެކޮޅަށް ޓީސީ ނުކުންނައިރު، އެންމެ ފަހުން އެ ޓީމު ކުޅުނު މެޗުން ވަނީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާ 1-1 އިން އެއްވަރުވެފަ އެވެ.

މިރޭގެ މެޗުގެ ކުރިން އާތީ ބުނީ ގްރާންޑޭ މެޗަކީ ޓީސީގެ ލެވަލުން ނަގަންޖެހޭ މެޗެއް ކަމަށާއި، އެކަމަކު އެ މެޗާ ޓީމުން ކުރިމަތިލީ ޕްރެޝަރުގައި އޮވެ ކަމަށެވެ. އަދި އެއީ އަލަށް ޓީސީން ކުރިމަތިލާންޖެހުނު މައްސަލައެއް، ކަމަށްވެސް ކޯޗު ފާހަގަކުރި އެވެ. އާތީ ބުނީ ޕޮއިންޓް ތާވަލުންނާއި އެހެން ހުރިހާ އެއްޗަކުން ބަލާއިރު، ނިލަންދޫ އިން ހިސާބުން ޓީސީއަށް މި މެޗު ފަސޭހަކަމާ އެކު ނެގޭނެ ކަމަށެވެ.

ނިލަންދޫގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނީ ޓީސީ މެޗަށް ނުކުންނައިރު ނިލަންދޫ އޮތީ ކުޅުންތެރިންގެ ނިސްބަތުން ވަރަށް ނިކަމެތިކޮށް ކަމަށާއި، މި މެޗުގައި އާންމުކޮށް ފުރަތަމަ އެގާރައިގައި ކުޅޭ ފަސް ކުޅުންތެރިއަކަށް އަނިޔާ އާއި ސަސްޕެންޝަނުގެ ސަބަބުން ނުކުޅެވޭނެ ކަމަށެވެ. އަދި ޓީމު އޮތް ހާލަތު ރަނގަޅު ކުރުމަށް މެނޭޖުމަންޓާއެކު ގިނަ ބައްދަލުވުން ތަކެއް ބޭއްވުނު ކަމަށާއި، ބްރޭކަށްފަހު ލީގު އަލުން ފަށާއިރު، ގިނަ ކަންތައްތައް ރަނގަޅުކުރެވޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

ލީގުގައި މިރޭ ނިލަންދޫ އާއި ޓީސީ ކުޅޭ މެޗު ފަށާނީ 9 ޖަހާއިރު އެވެ.