ރާއްޖޭގެ ފިރިހެން ގައުމީ ވޮލީބޯޅަ ޓީމާއި ސްރީލަންކާގެ ފިރިހެން ގައުމީ ވޮލީބޯޅަ ޓީމު ބައްދަލުކުރާ މެޗުތައް އިތުރަށް ފޯރިގަދަ ކުރުމަށް ގިނަ ކަންތައްތަކެއް ރާވާފައިވާ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަހުލޫފްގެ ދައުވަތަކަށް ސްރީލަންކާގެ ގައުމީ ފިރިހެން ވޮލީ ޓީމު ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ އާދިއްތަ ދުވަހުގެ ރެއެވެ. މި ދަތުރަކީ ނޭޕާލްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސެންޓްރަލް ޒޯން މުބާރާތުގެ ކުރިން ގައުމީ ޓީމަށް ވާދަވެރި މެޗުތަކެއް ކުޅުމަށް ފުރުސަތު ހޯދައިދިނުމުގެ ގޮތުން މަހުލޫފް ހޯއްދަވައިދެއްވި ފުރުސަތެކެވެ. މި ދަތުރުގައި ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ތިން މެޗެއް ކުޅޭނެ އެވެ. އެއީ 12، 13 އަދި 14 ވަނަ ދުވަހުގެރޭ ކުޅޭ މެޗުތަކެވެ. މީގެ ތެރެއިން އެންމެ ހާއްސަ މެޗަކީ 13 ވަނަ ދުވަހުގެރޭ ކުޅޭ މެޗެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަހުލޫފް ވިދާޅުވީ މި މެޗުތަކަށް ސަޕޯޓަރުން އިތުރުކުރަން ވ. އަތޮޅުންނާއި ކ. އަތޮޅުގެ ރަށްތަކުން ގިނަ ސަޕޯޓަރުން ގެންނަ ގޮތަށް ހަމަޖައްސާފައިވާ ކަމަށާއި، މާލެ ސަރަހައްދު ރިސޯޓުތަކުން ވެސް މި މެޗަށް ސަޕޯޓަރުން އަންނާނެ ކަމަށެވެ. އަދި ޕޮލިހާއި އެމްއެންޑީއެފް އިން ވެސް މި މެޗު ފޯރިގަދަކުރަން ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދަން ނިންމާފައިވާ ކަމަށްވެސް ވިދާޅުވި އެވެ. ވަޒީރު ވިދާޅުވީ މިއީ ވޮލީބޯޅައިގެ ފޯރި އަލުން ދިރުވުމަށް ކުރެވޭ މަސައްކަތެއް ކަމަށާއި، އަމާޒަކީ ޒުވާނުންގެ މަރުކަޒުގައި ސަޕޯޓަރުން ފުރިގެން އެތާ ބޭރުގައި ބޮޑު ސްކްރީން ކައިރީގައި ވެސް ގިނަ ބަޔަކު މެޗުތައް ބަލަން ތިބޭ ވަރުކޮށްލުން ކަމަށެވެ.

ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވި ކުރީގެ ދެ ވޮލީބޯޅަ ކުޅުންތެރިން ކަމަށްވާ ފަތުހުﷲ ވަހީދު (ފައްލޯ) އައި މުހައްމަދު ރަނޭޝް (ރަނޭ) ފާހަގަކުރިގޮތުގައި މި މެޗަކީ ހަގީގަތުގައި ވޮލީ އާއިލާ އަށް ލިބިގެންދާނެ ރަނުގެ ފުރުސަތެކެވެ.

ސެންޓްރަލް ޒޯން މުބާރާތައް ގައުމީ ވޮލީބޯޅަ ޓީމު ތައްޔާރުވަމުން އަންނައިރު، އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ކުރިން ގައުމީ ފިރިހެން ވޮލީ ޓީމުން ވަނީ ސާބިއާގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަކޮށްފަ އެވެ. އެ ކޭމްޕަކީ ވަޒީރު ސާބިއާއަށް ކުރެއްވި ދަތުރުފުޅެއްގައި ހޯއްދަވައިދެއްވި ފުރުސަތެކެވެ.