މި އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ މިނިވަން ޗެންޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

ފުޓްބޯލް އެސޯސިއޭޝަންސް އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މީގެ ކުރިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މި މުބާރާތުގައި ބައިވެރިވުމަށް ސްޕޯޓްސް ކޮމިޝަނުގައި ރަޖިސްޓްރީ ކޮށްފައިވާ ޓީމުތަކުން މިމަހުގެ 18 ވަނަ ދުވަހުގެ ކުރިން އެ އެސޯސިއޭޝަނަށް ލިޔުމަކުން ހުށަހެޅުމަށް އެދޭ ކަމަށެވެ. އެކަމަކު ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި މުއްދަތުގެ ތެރޭގައި ވަރަށް ގިނަ ސަރުކާރު ބަންދު ދުވަސްތަކެއް ހިމެނޭތީ، މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.

މި މުބާރަތުގައި ކޮންމެ އަތޮޅަކުން ދެ ޓީމަށް ވުރެއް ގިނަ ޓީމު ބައިވެރިވާނަމަ، އެ އަތޮޅު މުބާރާތުގެ މެޗުތައް ކުޅޭނީ އެ އަތޮޅެއްގެ، އަތޮޅު މުބާރާތް ހޯސްޓް ކުރާ ރަށުގައެވެ. ދެ ޓީމު ބައިވެރިވާނަމަ އަތޮޅު މުބާރާތް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ހޯމް އެންޑް އަވޭ އުސޫލުންނެވެ. އަދި ޒޯން މުބާރާތުގެ މެޗުތައް ކުޅޭނީ ދެ ޓީމަށް ވުރެއް ގިނަ ޓީމު ހިމެނޭ ޒޯންތަކުގައި ސެންޓްރަލައިޒް ކޮށެވެ. އަދި 2 ޓީމު ބައިވެރިވާނަމަ ހޯމް އެންޑް އަވޭ އުސޫލުންނެވެ.

މިނިވަން ޗެންމްޕިއަންޝިޕް މުބާރާތަކީ މުޅި ރާއްްޖެއަށް ހުޅުވާލައިގެން ބާއްވަމުން ގެންދާ އެފްއޭއެމްގެ އެންމެ ބޮޑު އެއް ފުޓްބޯޅަ މުބާރާތެކެވެ. މި މުބާރާތަކީ ރާއްޖޭގެ ފުޓްބޯޅަ ތަރައްގީކޮށް ކުރިއެރުވުމުގެ މަގުސަދުގައި ބާއްވަމުން ގެންދާ މުބާރާތެކެވެ.

މި މުބާރާތުން ޗެމްޕިއަން ޓީމަށާއި ރަނަރަޕް ޓީމަށް ދިވެހި ޕްރިމިއާ ލީގުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދެ އެވެ. އަދި މި މުބާރާތް ވެގެންދަނީ އަތޮޅުތެރޭގައި ތިބި ހުނަރުވެރި އެތައް ފުޓްބޯޅަ ކުޅުންތެރިން ކުރިއަށް ދިއުމަށް ހުޅުވާލެވޭ ރަނުގެ ފުރުސަތަކަށެވެ.