ހދ. ކުޅުދުއްފުށީ އެއަރޕޯޓަށް ޝެޑިއުލް ދަތުރުތައް މިއަދު ހެނދުނު ފަށައިފި އެވެ.

މޯލްޑިވިއަނުން ކުޅުދުއްފުށީ އެއަރޕޯޓަށް ޝެޑިއުލް ދަތުރުތައް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މިކަން ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވީ ޓްރާންސްޕޯރޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޒުހައިރުއެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޒުހައިރު ވިދާޅުވީ އެއަރޕޯޓް އިތުރަށް ތަރައްޤީ ކުރުމަށް ކުރަންޖެހޭ ބައެއް މަސައްކަތް އަންނަ އަހަރަށް ބަޖެޓް ކޮށްފައި ވީ ނަމަވެސް މިއަހަރުވެސް މީގެ ބައެއް މަސައްކަތް ކުރެވިދާނެ ކަމުގެ އުއްމީދު އެބަ އޮތް ކަމުގައެވެ.

މޯލްޑިވިއަނުން ކުޅުދުއްފުއްޓަށް ކުރާ ދަތުރު ތަކުގެ ޓިކެޓް އާންމުކޮށް ވިއްކަންފެށީ މިދިޔަ އަންގާރަދުވަހު އެވެ. އެއާއެކު މިމަހުގެ 17 ވަނަ ދުވަހާ ހަމައަށް ކުޅުދުއްފުއްޓަށް ކުރާ ދަތުރުތައް ވަނީ ފުލް ވެފައެވެ.

ދުވާލަކު އެއް ފްލައިޓް ކުޅުދުއްފުށީ އެއަރޕޯޓަށް ޝެޑިއުލްކޮށްފައިވާ އިރު އެއްކޮޅު ޓިކެޓެއް ވިއްކަނީ 1،113 ރުފިޔާއަށެވެ.

ކުޅުދުއްފުށީ އެއާޕޯޓްގެ ރަންވޭގެ މަސައްކަތް ނިންމާ، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަސްތެރޭގައި ވަނީ ޓެސްޓް ފްލައިޓް ޖައްސާފަ އެވެ. އެހެންނަމަވެސް މިއަދާ ހަމައަށްވެސް ކުޅުދުއްފުށި އެއާޕޯޓަށް އާންމު ދަތުރުތައް ނުފެށި ގިނަ ދުވަސް ވެފައިވަނީ ޓާމިނަލްގެ މަސައްކަތް ނުނިމުމުގެ ސަބަބުންނެވެ.

ކުޅުދުއްފުށި ކުޅީގެ ބޮޑު ބަޔަކާއި ފަޅުތެރެއިން ބައެއް ހިއްކައިގެން ހަދާފައިވާ މިއެއާޕޯޓުގެ މަސައްކަތް މިދިޔަ އަހަރުގެ ފަހުކޮޅު ހުއްޓިފައި އޮތުމަށްފަހު އަލުން މަސައްކަތް ފަށާފައިވަނީ މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގަ އެވެ.

ކުޅުދުއްފުށީ އެއާޕޯޓުގައި ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް މިއަހަރުގެ ބަޖެޓުގައި 5.7 މިލިއަން ރުފިޔާ ހިމަނައި މިމަސައްކަތް ހަވާލުކުރީ އެމްޓީސީސީއާ އެވެ. އެކުންފުނިން ވަނީ ކުޅުދުއްފުށީ އެއާޕޯޓުގެ ޓާމިނަލާއި ފަޔަ ބިލްޑިންގުގެ މަސައްކަތް ނިންމާފަ އެވެ.