މިދިޔަ ޖުލައި މަހު މީރާއަށް 2.16 ބިލިއަން ރުފިޔާ ބަލައިގެންފިއެވެ.

މީރާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއާ އަޅާބަލާއިރު 1.3 އިންސައްތައިގެ އިތުރު އަދަދެކެވެ. މީރާއިން ބުނީ މިއީ މި އަހަރުގެ މި މުއްދަތުގައި ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ 1.3 އިންސައްތައިގެ ދަށް އަދަދެކެވެ.

މިދިޔަ އަހަރުގެ ޖުލައި މަހު ލިބުނު އާމްދަނީއަށްވުރެ މި އަހަރުގެ އެ މުއްދަތުގައު ލިބުނު އާމްދަނީ އިތުރުވެފައިވަނީ ޓީ.ޖީ.އެސް.ޓީ، ގްރީން ޓެކްސް އަދި ބޭންކް ޕްރޮފިޓް ޓެކުހުގެ ގޮތުގައި ލިބިފައިވާ ފައިސާ އިތުރުވުމުން ކަމަށް މީރާއިން މައުލޫމާތުދެއެވެ. އެހެންނަމަވެސް، މި އަހަރުގެ ޖުލައި މަހު ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ އާމްދަނީ ދަށްވެފައިވުމުގެ މައިގަނޑު ސަބަބަކީ ޖީ.އެސް.ޓީ އަދި ބީ.ޕީ.ޓީގެ ގޮތުގައި ލިބެންޖެހޭ ފައިސާ ލިބިފައިވާ މިންވަރު، އަންދާޒާކުރި މިންވަރަށްވުރެ ދަށްވެފައިވުން ކަމަށް މީރާއިން ވަނީ ބުނެފައެވެ.

ޖުލައި މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ބީ.ޕީ.ޓީއެވެ. އެއީ ލިބުނު އާމްދަނީގެ 40.5 އިންސައްތަ ނުވަތަ 873.7 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީ.އެސް.ޓީ އިންނެވެ. ޖީއެސްޓީގެ ގޮތުގައި 510.7 މިލިއަން ރުފިޔާ ލިބިފައިވާ އިރު މިއީ އާމްދަނީގެ 23.7 އިންސައްތަ އެވެ. މީގެ އިތުރުން، ޓޫރިޒަމް ކުލީގެ ގޮތުގައި 436.1 މިލިއަން ރުފިޔާ، ބޭންކް ޕްރޮފިޓް ޓެކުހުގެ ގޮތުގައި 67.3 މިލިއަން ރުފިޔާ، އެއަރޕޯޓު ސަރވިސް ޗާޖްގެ ގޮތުގައި 50.2 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 220.8 މިލިއަން ރުފިޔާ ލިބިފައެވެ.

ޖުލައި މަހު ބަލައިގެންފައިވާ އާމްދަނީގެ ތެރޭގައި 50.6 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.