ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކްލަބު ގްރީން ސްޓްރީޓްސް އާއި ފޯކައިދޫ ފުޓްބޯލް ކްލަބު ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

މިއަދު ހަވީރު ކުޅުނު މެޗު އެއްވަރުވީ ދެޓީމުން ކުރެ ޓީމަކަށް ގޯލެއް ކާމިޔާބުނުކުރެވިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ހާފު އެއްކޮށް ޑޮމިނޭޓުކޮށްގެން ކުޅުނީ ގްރީން ސްޓްރީޓްސްއިންނެވެ. މި ހާފުގައި ގްރީންގެ މިޑްފީލްޑަރު މުހައްމަދު އުމެއިރާއި އަލީ އަޝްފާގު (ދަގަނޑޭ) އަށް ވަނީ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

ދެވަނަ ހާފުގައި ގްރީންގެ ފަރާތުން ތަންކޮޅެއް އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، އެޓީމަށް ގޯލުޖަހަން އެންމެ ހުސް ފުރުސަތެއް ލިބުނީ މެޗުގެ 68 ވަނަ މިނެޓުގައެވެ. ގްރީންގެ މިސްބާހުއަށް އޭރިއާ ތެރެއިން ކުރި ފައުލަކާއި ގުޅިގެން ޕެނަލްޓީއެއް ލިބުނުއިރު، ގްރީންގެ ކެޕްޓަން ދަގަނޑޭ ވަނީ ޒުވާން މިޑްފީލްޑަރު އަބްދުﷲ ޔާމީނަށް ޕެނަލްޓީ ޖަހަން ފުރުސަތު ދީފައެވެ. އެކަމަކު ޔާމީން ފޮނުވާލި ޕެނަލްޓީ ފޯކައިދޫގެ ގޯލްކީޕަރު ޕާކިސްތާނުގެ ހަނީފް ސާގިބު ވަނީ މަތަކޮސްފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދީ އޭނާއެވެ.

މެޗަށްފަހު ގްރީންގެ ކޯޗު އަލީ ސުޒޭން ބުނީ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، އެޓީމަށް ދިމާވި އެންމެ ބޮޑު އެއް މައްސަލައަކީ ދެވަނަ ހާފުގައި ނަތީޖާ ނުނެރެވުން ކަމަށެވެ.

ފޯކައިދޫގެ ކޯޗު އަލީ ނިސްތާރު ބުނީ މެޗުން ޕޮއިންޓެއް ލިބުނު ނަމަވެސް، މިއީ އެންމެ ބޭނުންވި ނަތީޖާ ނޫން ކަމަށާއި މެޗާ ކުރިމަތިލީ މޮޅެއް ހޯދުމަށް ކަމަށެވެ. އަދި ޓީމުގެ ހާލަތު އެހާ ރަނގަޅު ނުވި ނަމަވެސް، އުޒުރު ދެއްކުމުގެ ބަދަލު ދެން ތައްޔާރުވާނީ ބްރޭކަށްފަހު އޮންނަ މެޗަށް ކަމަށް ބުންޏެވެ.

މިއަދުގެ މެޗުން ލިބުނު ޕޮއިންޓަކާއެކު ގްރީން ވަނީ ކުޅުނު 6 މެޗުން 9 ޕޮއިންޓު ހޯދައިގެން ތާވަލުގެ ހަތަރުވަނައަށް ޖެހިލާފައެވެ. ފަސްވަނައަށް ވެއްޓުނު ޓީސީއަށްވެސް 5 މެޗުން ލިބިފައިވަނީ 9 ޕޮއިންޓެވެ. ގްރީންއަށް ކުރިލިބެނީ ގޯލުގެ ތަފާތުންނެވެ. އަދި ފޯކައިދޫ އޮތީ ތާވަލުގެ ހަވަނައިގައި 8 ޕޮއިންޓާއެކު އެވެ.